އިޓަލީގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމަށް މެޓް އޮފީހާއި އިޓަލީ ވިލާތުގެ ސީ.އޭ.އީ. ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި މެޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ، ޠާރިޤް އިބްރާހީމެވެ. އަދި ސީ.އޭ.އީ. ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް މިސްޓަރ. ޖިއާންކާލޯ މާރިއާ ޕެޑްރީނީ އެވެ.
އިޓަލީ ވިލާތުގެ ސީ.އޭ.އީ. ކުންފުންޏާއި ޙަވާލުކުރެވިގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 11,877,684.92 ރުފިޔާ (އެގާރަ މިލިއަން އަށް ލައްކަ ހަތްދިހަ ހަތް ހާސް ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ނުވަދިހަ ދެ ލާރި) އެވެ.
މި ސްޓޭޝަންތައް ރާއްޖެއަށް ގެނެސް، ހަރުކުރުމަށް ފަހު ސްޓޭޝަން ބޭނުންކުރެވޭ ޙާލަތަށް ގެނައުމުގެ މަސައްކަތް، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އިޓަލީގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ ގޮތުން ހިންގަމުންދާ ޕްރޮޖެކްޓަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން ދެމުންގެންދާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕްރޮޖެކްޓެކެވެ.
މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މެޓް އޮފީހުގެ އިދާރާއެއް ޤާއިމުކުރެވިފައިނެތް ސަރަހައްދުތަކުގެ މޫސުންވެސް ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.
އެގޮތުން މެޓް އޮފީހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ޤާބިލުކަން އިތުރަށް ފުޅާކޮށް، މުޅި ރާއްޖެ ކަވަރު ކުރެވޭގޮތަށް "މޫސުމީ ވިޔުގަ" އެއް ޤާއިމު ކުރުމަކީވެސް މި ޕްރޮޖެކްޓުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް މިނިސްޓްރީން އިން ބުނެއެވެ. އަދި މީގެ ސަބަބުން މެޓް އޮފީހުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އާންމުން ޤަބޫލުކުރާ އިތުބާރު ހުރި މަޢުލޫމާތު ލިބުމަށް މަގުފަހިވާނެ ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރެވޭ 25 ރަށަކީ:
ހއ. ހޯރަފުށި
ހއ. ކެލާ
ހދ. ކުޅުދުއްފުށި
ށ. ކަނޑިތީމު
ށ. ފުނަދޫ
ނ. މާފަރު
ރ. މަޑުއްވަރި
ޅ. އޮޅުވެލިފުށި
ބ. ތުޅާދޫ
ބ. ގޮއިދޫ
ކ. ގާފަރު
ކ. ދިއްފުށި
ކ. ގުރައިދޫ
އއ. ތޮއްޑޫ
އއ. ހިމަންދޫ
ވ. ރަކީދޫ
ފ. ނިލަންދޫ
މ. މުލި
ދ. ކުޑަހުވަދޫ
ތ. ބުރުނި
ލ. މާވަށް
ގއ. ކޮލަމާފުށި
ގއ. ގެމަނަފުށި
ގދ. ތިނަދޫ
ގދ. ފަރެސްމާތޮޑާ