ވެމްކޯ އިން ވިލިމާލޭގައި ގޭގެއިން ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފައިވާ ގޮތުގައި ވެމްކޯގެ ގޭބީސީތަކުން ކުނި އުކުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ހުކުރު ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށައިފައިވެއެވެ. ވިލިމާލޭއިން ކުނި އުކުމުގެ ހިދުމަތަށް އެދި 200 ފަރާތުން ރަޖިސްޓަރ ކޮށްފައިވެއެވެ.
ވިލިމާލޭގައި ކުނި އުފުލުމުގައި ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް ބޭނުން ކުރަމުންދާ އިރު ކުނި އުކުމުގެ މަސައްކަތުގައި 17 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް ވެމްކޯ އިން ބުނެ އެވެ.
ތިން ޒޯނަކަށް ބަހާލައިގެން ކުނި އުކުމުގެ މަސައްކަތް ވިލާމޭލާގައި ކުރިއަށްދާ އިރު ކުނި އުކުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ އަދަދު އިތުުރު ވަމުންދާ ނިސްބަތުން މުވައްޒަފުން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯ އިން ބުނެއެވެ.
ގޭބީސީތަކުން ވިލިމާލޭގައި ކުނި އުކުމުގެ ޚިދުމަތް ފަށާފައިވާ އިރު ވިޔަފާރިތަކާއި ބިލްޑިންތަކުން ކުނި އުކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެމްކޯ އިން ބުނެ އެވެ.
ކުނި އުކުމުގެ ހިދުމަތަށް އެދި ވިލިމާލޭގައި ރަޖިސްޓްރީކުރުން 21 އޮކްޓޫބަރުން 30 އޮކްޓޫބަރަށް ވިލިމާލޭ ޔޫތް ސެންޓަރުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވިލިމާލޭގައި ވެމްކޯގެ ސައިޓެއް އެކުލަވާލާފައިވާ އިރު ވިލިމާލޭ ގޭބީސީތަކުން އުފައްދާ ކުނީގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި ފަދަ ރީސައިކަލް ކުރެވޭ ތަކެތި ވަކި ކޮށްފައި ބެހެއްޓުމަށް ވެމްކޯ އިން ވަނީ އެދިފައެވެ.
ކުނި ނެގުމުގެ ޚިދުމަތަށް އެދި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަކާއި ކުނި ނެގުމާއި ގުޅޭ ޝަކުވާއެއް ހުށައެޅުއްވުމަށް ނުވަތަ މައުލޫމާތު ސާފުކުރައްވަން އެދޭ ނަމަ، ވެމްކޯގެ ހޮޓްލައިނު 1666 އަށް ގުޅުމަށް ވެމްކޯއިން އެދިފައިވެ އެވެ.