ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާއަށް 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ޑިސެމްބަރު މަހުގެ 6 އިން 9 އަށް ޗައިނާގެ ވެރިރަށް ބެއިޖިންއަށް ރައީސް ޔާމީންގެ ދެކަނބަލުން މިކުރައްވާ ޒިޔާރަތަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ދެޤައުމުގެ މެދުގައި މަތީ ފަންތީގެ ގިނަ ވާހަކަތަކެއް ބޭއްވޭއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ އެއްބަސްވުންތަކެއްގައި ސޮއެކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ޔާމީން 3 ވަނަ ދަތުރުފުޅެއް ވެރިކަމަށް ވަޑައިގެންނެވިފަހުން ޗައިނާއަށް ކުރައްވާއިރު، ރާއްޖެއިން ދަނީ ޗައިނާއާއި އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. ޗައިނާއިންވެސް ރައީސް ޝީޖިންގްޕިންގްގެ އިސްނެންގެވުމަށް އެޤައުމުގައި ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބޭނުމަށް ރާއްޖޭގައި ބައެއް ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ.
ނިމިދިޔަ ހަފްތާގައި ކުއްލި ގޮތަކަށް މަޖިލީހަށް ވައްދައިގެން ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއެކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ސަރުކާރުން ވަނީ މަޖިލީހުގެ މަދު މެމްބަރުންތަކެއްގެ ވޯޓުން ރުހުން ހޯދާފައެވެ. ބެލެވޭ ގޮތުގައި މި އެއްބަސްވުމުގައި ސޮއެ ކުރާނީ ރައީސް ޔާމީންގެ މިދަތުރުފުޅުގެ ތެރެއިންނެވެ.