ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް އެއްވެސް ގޮތަކަށް ދެފުށްފެންނަ އުސޫލަކުން ހިނގަމުންނުދާ އިރު ވިޔަފާރީގެ އެގްރީމެންޓެއް ބޭރުގެ ގައުމަކާއި އެކު އެކުލަވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ކޮމިޓީގެ މެމްބަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެެވެ.
އެމްޑީޕީ ހަރުގޭގައި އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވާހަަކަދައްވަމުން ޝިދާތާ ވިދާޅުވީ، ވިޔަފާރި އެގްރީމެންޓެއް އެކުލަވާލާއިރު ވެވޭ އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި، މިކަން ސިއްރު ކުރުމުން ރައްޔިތުން މަޑުން ތިބެގެން ނުވާނެ ކަމަށެވެ.
ޒަމާނުއްސުރެ ދިވެހިންނަކީ ގިނަ ގައުމުތަަކައި ގުޅުންތައް ބާއްވަމުންދާ، ހަމަހަމަކަމާ އެކު ވަކި ބަޔަކަށް ބަރޯސާވެފައިވާ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ، އިންޑިޔާ ކަނޑުގެ ރައްކާތެރިކަމަށް ވަރަށް ސްޓްރެޓެޖިކްކޮށް ވިސްނާ، އެކަމަށް ބުރަ މަސައްކަތް ކުރާ ބައެއް. މިކަމުގައި މުހިއްމު ދައުރެއް ދުނިޔޭގައި އަދި ސައުތު އޭޝިއާގައިވެސް އަދާކުރާ ބައެއް ދިވެހިންނަކީ. މިހުރިހާ މަސައްކަތެއް ވަނީ މިހާރު ކިލަނބު ކޮށްލާފައި." ޝިތާދާ ވިދާޅުވި އެވެ.
މަޖިލީހުގެ މަދު މެންބަރުންނާއި އެކު މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގައި ވަކި ހިތްޕައިގެން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން މިފަދަ ޖަރީމާތައް ހިންގުމަށް މަސައްކަތް ކުރި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން އެފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިއްތަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއަކީ ޗައިނާއާއި ރާއްޖެއާއި ދެމެދު ހެދޭ ވިޔަފާރީގެ އެއްބަސްވުމަކީ 'ހިފެހެއްޓުމެއް ނެތް ވިޔަފާރީގެ' އެއްބަސްވުމެއްކަމަށް ބުނެ، ބޭއްވި ޖަލްސާއެކެވެ.