ކޮމެޑީ ޝޯތައް ހުށަހެޅުމުގައި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ކަޕިލް ޝަރުމާގެ އެންމެ ފަހުގެ ފިލްމް "ފިރަންގީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ކަޕިލް ޝަރުމާގެ ދެ ވަނަ ފިލްމް ކަމަށްވާ "ފިރަންގީ" ބެލުންތެރިންނާ ހަމައަށް އައިސްފައިވާއިރު ބޮލީވުޑްގެ ފިލްމްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކަޕިލް ޝަރުމާގެ ފިލްމް ފިރަންގީ އަށް ވަނީ ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ.
އެ ވާދަވެރިކަމާއެކުވެސް ފިލްމަށް މިހާތަނަށް 1.75 ކުރޯޑް ރުޕީޒް ވަނީ ލިބިފައެވެ. އަދި މިހަފުތާ ނިމިގެންދާއިރު ފިލްމަށް 3.4 ކުރޯޑް ރުޕީޒް ލިބޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް އިތުރު އާންމުދަނީ ލިބޭނެ ކަމަށް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ކަޕިލް ޝަރުމާގެ "ފިރަންގީ" އަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތެރޭގައި ހިނގާދިޔަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމުގައި ކަޕިލް ޝަރުމާއަކީ އިނގިރޭސީން ވަަރަށް ރަނގަޅު ބައެއް ކަމަށް ގަބޫލު ކޮށްގެން އެ މީހުންނާ އެކު މަސައްކަތް ކުރާ މީހެކެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކު އޭނާއާ ދެކޮޅުވެ އޭނާ އަކީ އިނގިރޭސިންނަށް ވިކިފައިވާ މީހެއް ކަމަށް ގަބޫލު ކުރެއެވެ.
ކަޕިލް ޝަރުމާގެ "ރިރަންގީ" އާ އެކު ދެން ރިލީޒް ކޮށްފައިވާ އަނެއް ފިލްމަކީ ސަނީ ލިޔޯން އަދި އަރުބާޒް ހާން ލީޑްރޯލް އިން ފެނިގެންދާ "ތޭރޭ އިންތިޒާރުހޭ" އެވެ.