ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކޮޅުނބުގައި ބައިނަލްއަޤްވާމީ މީޑިއާއާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ލަންކާ ގަޑިން 11:00ގައި މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮޅުނބުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީކަމަށްވެސް މައުލޫމާތު ލިބެއެވެ. މި ދެބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާޢުކުރެއްވުމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ ދެ ވަޒީރުންނެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ ސީދާ ކޮން މަޢުލޫމާތެއް ހާމަކުރުމަށް ކަމެއް ނޭނގެއެވެ. މި ނޫސްވެރިންގެ ބައްދަލުވުން އެމްބަސީގައި ބޭއްވި ނަމަވެސް، މިއީ ޚާރިޖީ ވުޒާރާއިން އިންތިޒާމްކުރާ ނޫސްވެރިންގެ ބައްދަލުވުމެއް ނޫންކަމަށާއި، އިންތިޒާމް ކުރަނީ ރައީސް އޮފީހުންކަމަށް މައުލޫމާތު ލިބެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ކޮޅުނބުގެ އެމްބަސީގައި އެބައޮތްތޯ ޚާރިޖިއްޔާގެ މީޑިއާ އޮފިޝަލަކާއި ސުވާލު ކޮށްލުމުން ވިދާޅުވީ އެކަން ޖެހޭނީ ބަލާލަން ކަމަށެވެ.