ހުޅުމާލޭގައި އިމާރާތް ކުރުމަށް 2014 ވަނަ އަހަރު ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކުރި 1500 ފްލެޓްގެ މަސައްކަތް ނިންމައި، ސަރުކާރާއި މިއަދު ހަވީރު ހަވާލުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީ އާއި ފްލެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހުގެ ހަވީރު 4:15 ގައި ހުޅުމާލޭގައި ހުންނަ ހައުސިންގ ޕްރޮޖެކްޓް ސައިޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން 1500 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ޗާއިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަންގ ފޫކަންގް އެވެ.
މި މަޝްރޫއު އަކީ ސީއެމްއީސީއިން ޗައިނާ އެގްޒިމް ބޭންކްގެ ލުއި ލޯނުގެ އެހީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކެކެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 704 ހައުސިންގ ޔުނިޓާއި، އައްޑޫ ސިޓީ ހިތަދޫގައި 264 ހައުސިން ޔުނިޓާއި އެ ސިޓީގެ ހުޅުމީދޫގައި 48 ހައުސިންގ ޔުނިޓްގެ އިތުރަށް ފުވައްމުލަކު ސިޓީގައި 200 ހައުސިންގ ޔުނިޓާއި ގދ. ތިނަދޫގައި 120 ހައުސިންގ ޔުނިޓާއި އެއަތޮޅު މަޑަވެލީގައި 22 ހައުސިންގ ޔުނިޓުގެ އިތުރުން ހޯނޑެއްދޫގައި 40 ހައުސިންގ ޔުނިޓާއި ގައްދޫގައި 50 ހައުސިންގ ޔުނިޓާއި ގއ. ވިލިނގިލީގައި 52 ހައުސިންގ ޔުނިޓް އިމާރާތް ކުރެވުނެވެ.