ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 09:46
ޤުދުސް: އިސްރާއީލާއި ފަލަސްތީނުންވެސް ބޭނުންވަނީ ޤުދުސްގައި ވެރިކަން ކުރުމަށް
ޤުދުސް: އިސްރާއީލާއި ފަލަސްތީނުންވެސް ބޭނުންވަނީ ޤުދުސްގައި ވެރިކަން ކުރުމަށް
ދި ޓެލެގްރާފް
ޤުދުސް
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
މިއީ ޓްރަމްޕްގެ ރިޔާސީ ވަޢުދެއް

ޔަހޫދީ ދައުލަތް އިސްރާއީލުގެ ވެރި ރަށަކީ ޤުދުސްކަމަށް އެމެރިކާއިން ބަލައިގަންނަން އުޅޭ ކަމަށް ބެލެވިފައިވާ މި ދަނޑިވަޅުގައި، އެނިންމުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށް އުރުދުން އިން ބުނެފިއެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިސްރާއީލުގެ ވެރި ރަށަކީ ޤުދުސްކަމަށް އެމެރިކާއިން ބަލައިގެންފިނަމަ، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނިކުންނާނެއެވެ. އަދި އެކަމަކީ ޢަރަބި ޤައުމުތަކާއި އިސްލާމީ އުއްމަތުން ބަލައިގަންނާނެކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތައް އަސަރުކުރާނެ ކަމަށް ވެސް ސަފާދީ ވިދާޅުވިއެވެ. މި ނިންމުމުގެ ނުރައްކާތެރިކަމުގެ ވާހަކަ ސަފާދީ ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަންއާއިއެކު ވާހަކަ ދައްކަވަމުންނެވެ. މިމައްސަލައިގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. އެހެން ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި ޓްރަމްޕްގެ އެންމެ އަރިސް އެއް މުޝީރުކަމަށްވާ ޖެރަޑް ކުޝްނަރ ވިދާޅުވީ އެމައްސަލައިގައި އަދި ދާއިމީ ނިންމެވުމެއް ޓްރަމްޕް ނުނިންމަވާ ކަމަށެވެ.

އެމެރިކާގެ މީޑިއާތައް ބުނާ ގޮތުގައި އަންގާރަ ދުވަހު ޓްރަމްޕްގެ ނިންމެވުން އިއުލާން ކުރައްވާނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުންގެ ވެރިރަށަކީ ޤުދުސްއެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާ ގޮތުގައި ޤުދުސްއަކީ އިސްރާއީލުން ހިފާފައިވާ އެހެން ޤައުމެއްގެ ބިމަކަށް ވާތީ، އެރަށުގައި ވެރިކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އިސްރާއީލުން ރަސްމީކޮށް ވެރިރަށުގެ ގޮތުގައި ބޭނުންކުރަނީ ތެލްއަވީވެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، ތެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަކީ ޓްރަމްޕްގެ އެއް ރިޔާސީ ވަޢުދެވެ. އޭރު ޓްރަމްޕް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ދުވަހު އެކަން ކުރައްވާނެ ކަމަށެވެ. މިވަޢުދު ފުއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވާއިރު، އިސްރާއީލުން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އެހެން ނަމަވެސް ފަލަސްތީނުން ދަނީ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޯން އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނާއި ފޯނުން ގުޅުއްވައި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމުގެ ނުރައްކާތެރިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ ކުރިން ވެސް ފަލަސްތީނުން ވަނީ އިސްރާއީލުން މިފަދަ ނިންމުމެއް ނިންމައިފިނަމަ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކަށް ހިޔަނި އެޅި، ވަކި 2 ދައުލަތް އުފެއްދުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމުގެ އިންޒާރު ދީފައެވެ.

އިސްރާއީލުން އިރުމަތީ ޤުދުސްއަށް ވެރިވެގަތީ 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އަދި 1980ވަނަ އަހަރު އިރުމަތީ ޤުދުސްއަކީވެސް އިސްރާއީލުގެ ބައެއްގެ ގޮތުގައި އެޤައުމުން ކަނޑައެޅިނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުން އިރުމަތީ ޤުދުސް ބަލައިގަންނަނީ ފަލަސްތީނުގެ ބައެއްގެ ގޮތުގައެވެ. 1948ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އެމެރިކާގެ ލީޑަރުންވެސް ވިދާޅުވަމުން ގެންދެވީ މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ޙައްލެއް އަންނަންދެން ޤުދުސްއާއި މެދު ގޮތެއް ނިންމައިގެން ނުވާނެ ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް