މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި މިވަގުތު ހާމަ ކުރާނެ އިތުރު ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދޭތޯ އާއި އެމައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ފުލުހުންގެ މީޑިއާއަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި މިވަގުތު އިތުރަށް ހާމަކުރާނެ އެއްޗެއް ނެތް ކަމަށެވެ.
އެނގިފައިވާގޮތުގައި ފުލުސް މީހާ ހުށަހެޅި އެ މައްސަލަ ބަލަމުންދާއިރު، ޝަހީބު ވެސް މައްސަލަހުށަހަޅުއްވާފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބު ހުށަހެޅުއްވީ އޭނާއަށް ފުލުސް މީހާ ހަމަލާދިން ކަމަށްވިދާޅުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެމައްސަލައާ ގުޅިގެން އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ. ފުލުސް މީހާ އެމައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ޝަހީބާއި ފުލުހަކާ ދެމެދު ހިނގި އެ ހަމަނުޖެހުމުގެ މަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުން އެކަމެއް ހިނގީ ސޯސަންމަގު އެމްޑީޕީ އޮފީސް ކައިރީގައި ހުންނަ ގެއަކަށް ޝަހީބު ވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ. އެ ގެއަށް ވަދެވަޑައިގެންނެވިތާ އިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ދުވެވަޑައިގަންނަވަމުން ނިކުންނެވި މަންޒަރު ކަމަށް އެ މީހާ ބުންޏެވެ. އަދި ޝަހީބުގެ ފަހަތުން އެހެން މީހަކު ކަތުރެއް ހިފައިގެން އެގެއިން ދުވެފައި ނިކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް އެ މީހާ އޭރު ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބުގެ ފަހަތުން ކަތުރެއް ހިފައިގެން ދިޔައީ ފުލުހުންގެ ސްޕަޝަލް އޮޕަރޭޝަންސް (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހެކެވެ.
މިކަމާ ގުޅޭ ގޮތުން ޝަހީބުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީން މަސައްކަތް ކުރި ނަމަވެސް، ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ.