ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތިން މެމްބަރަކު ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މި ފަހަރު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ( އަބުޅޯ) އެވެ.
ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެ ތިން މެމްބަރުން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައެޅުމަށެވެ.
އިލްހާމާއި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އެ ދެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އަބުޅޯގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ތިން މެމްބަރުން ވެސް މައްސަލަތައް ހުށަހަޅާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އިލްހާމާއި އަބުޅޯ މިދިޔަ ހަފްތާގައި މައްސަލަ ހުށަހެޅުއްވިއިރު ސިނާން މައްސަލަ ކޯޓަށް ހުށަހެޅުއްވީ އާދިއްތަ ދުވަހު އެވެ.
ތުލުސްދޫ ދާއިރާ، ވިލިނގިލީ ދާއިރާ، މަޑުއްވަރީ ދާއިރާގެ އިތުރުން ދިއްދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ނިންމައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން އެ ދާއިރާތަކުގެ މެންބަރުން ވަނީ ގޮނޑި ނުގެއްލޭކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ބޭއްވި އަޑުއެހުމަށް ފަހު ސުޕްރީމް ކޯޓުން ނިންމީ އެ ގޮނޑިތައް ހުސްވެފައިވާ ކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ފަދަ ހާލެއް އައިސްފައިނުވާ ކަމަށެވެ. ޕީޕީއެމް އިން ވަކިކުރުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެ ހަތަރު މެމްބަރުން ގޮނޑިއާ މެދު އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ސިނާން އާއި އަބުޅޯގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޕީޕީއެމްގައި ކުރިން ތިއްބެވި މެމްބަރުން ތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ނުވަތަ ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ޖުލައި 13 ގައި ކުރި ހުކުމާ ގުޅުވައިގެންނެވެ. ނަމަވެސް އެ ހުކުމާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ރައުޔު ނެރެމުން ދަނިކޮށް، ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރެއްގައި ބުނީ، އެ ހުކުމުގެ ކުރިން އެއްވެސް އިޖްރާއަތެއް ހިނގާފައިވާ ކަމަކާ އެ ހުކުމާ ނުގުޅުވޭނެ ކަމަށެވެ.
ނަމަވެސް ވަކިވެފައިވާ ކަނޑައަޅާފައިވާ ބައެއް މެމްބަރުންނަކީ އެ ހުކުމުގެ ކުރިން އަމިއްލައަށް ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅާފައިވާ މެމްބަރުންނެވެ. އަދި ބައެއް މެމްބަރުންނަކީ އެ ހުކުމުގެ ކުރިން ޕާޓީން ވަކިކުރުމަށް އެ ޕާޓީން ނިންމާފައިވާ މެމްބަރުންނެވެ.