ހއ. އަތޮޅު ކައުންސިލުން ދެއްކި ނަމޫނާ ރާއްޖޭގެ އެހެން ކައުންސިލްތަކުން ބަލަންޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
"ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް"ގެ ނަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަޒީބެ ވިދާޅުވީ ހއ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ލިބުނު ރަން ވަނައަކީ ޑިމޮކްރަސީގެ މުހިއްމު އެއް އަސާސް ކަމަށްވާ ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކުރުމުގައި އެ އަތޮޅު ކައުންސިލުން އިސްކަންދޭ ކަމުގެ އަލިގަދަ ދަލީލު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެހެން ކައުންސިލުތަކުން އެ ނަމޫނާ ބަލަންޖެހޭ ކަމަށް އަޒީބެ ވިދާޅުވިއެވެ.
"އަޅުގަނޑު ކޮންމެ އަހަރަކު ވެސް އަޅުގަނޑު ހިމެނޭ ދާއިރާގެ ގޮތުން ދެން. އެގޮތުން މައުލޫމާތު ހާމަކުރާ މިންވަރު ބަލާ ރަންވަނަތައް ދީހަދަން. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހޯދި ރަންވަނައަކީ ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކުރުމަށް މިއަތޮޅުގެ ކައުންސިލުން އިސްކަންދޭ ކަމެއްކަމުގެ އަލިގަދަ ހެއްކެއް،" އަޒީބެ ވިދާޅުވިއެވެ.
އަޒީބެ ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގައި ޓްރާންސްޕޭރެންޓް ވާންޖެހޭ ބައެއް ކަމަށެވެ. އެއީ ކަރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް ދެވޭ ފަރުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތައުލީމު ހާސިލު ކުރުމަކީ ފުރިހަމަ އިންސާނެއް ބިނާ ކުރާ އެއްޗެއް ކަމަށް އަޒީބެ ވިދާޅުވިއެވެ. ކިޔަވައިގެން ހުރި މީހެއްކަން ދައްކަންޖެހޭނީ އޭނާގެ އަޚުލާގާއި އަމަލުތަކުން ކަމަށާއި މިކަން މަތީ ތައުލީމު ހާސިލުކޮށްފައިވާ ކުއްޖެއްގެ ކިބައިން ނުފެނުން އެއީ ހަގީގީ ތައުލީމެއް ނޫން ކަމަށް އަޒީބެ ވިދާޅުވިއެވެ.
ކަމެއް ހާސިލްކުރުމަށް ވުރެ ބޮޑަށް ކަމެއް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރަވާނެ ކަމަށާއި އެކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އަޒީޒު ވިދާޅުވިއެވެ.
އަޒީބެ ވަނީ ތެދު މައުލޫމާތު ފެތުރުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ދާދި ފަހުން ކުރި ވިއްސާރައިގެ ތެރޭގައި ދައުރުވި ފޮޓޯއަކަށް އިޝާރާތްކުރައްވައި އަޒީބެ ވިދާޅުވީ ނަގޫރޯޅި ފެނިގެންދާ އެ ފޮޓޯއަކީ މީގެ 12 ވަރަކަށް އަހަރު ކުރީގެ ފޮޓޯއެއް ކަމަށާއި ނަމަވެސް ހަގީގަތް ބެލުމެއް ނެތި އެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ކަމަށެވެ. އެހެންކަމުން ސައްހަ މައުލޫމާތު ހޯދުމަށް އަޒީބެ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ނުލިބިއްޖެ ނަމަ އެ ކޮމިޝަނަށް ހުށަހެޅުމުން އެ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް އަޒީބެ ވިދާޅުވިއެވެ.