ބޭސްފަރުވާގެ ކަންކަމުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބްގެ މަހުރޫމްކޮށްފައި ވަނީ އޭނާ މަރާލުމުގެ ބޭނުމުގައި ކަމަށް ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
ސިރާޖް އެފަދައިން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، "އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް ޑީމޯޓް ކުރަން ނިންމީ އަދީބަށް ޒަހަރުދީގެން މަރާލަން އެންގުމުން އެކަމާއި ނޫޅެ އެ މެސެޖް އަދީބަށް ރައްދުކުރުމަށް މަސައްކަތްކުރުމުން" ކަމަށް އަޑުއިވިފައިވާ ކަމަށެވެ. އަދި ޑީމޯޝަން މަޑުއްޖައްސާފައި އޮތީ އޯޑިއޯއެއް ޖަމްޝީދުގެ އަތުގައި އެތުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ފުލުހުންގެ އިދާރާއިން ސާފުކޮށްދިނުމަށް އެދޭ ކަމަށް މަހުލޫފުގެ ޓްވިޓާރގައި އޭނާ ލިޔުއްވާފައި ވެއެވެ.
ACP Jamsheed demote kuran nimmee Adeeb ah zaharu dheegen maraalan engumun, ekama noolhe e message Adeeb ah rahdhukurumah masakkaiy kurumun kamah adu iviije. Adhi demotion madujassaafa othee audio eh Jamsheed athuga othumun kamah buney.Mikan @PoliceMv inn saafu kohdhevvun edhen
— Ahmed Mahloof (@AhmedMahloof) December 3, 2017
މަހުލޫފްގެ އެ ޓްވީޓާ ގުޅިގެން އަދީބްގެ ޤާނޫނީ ވަކީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަދީބް މަރާލަން އުޅޭކަމުގެ އަޑުތައް ފެތުރޭ އިރެއްގައި އެފަދަ ތުހުމަތުތަކެއް އުފެދޭ ގޮތަށް ސަރުކާރުން ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބޭސް ފަރުވާގެ ކަންކަމުން އަދީބް މަހުރޫމްކޮށްފައި ވަނީ ވެސް އޭނާ މަރާލުމުގެ ބޭނުމުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށް ސިރާޖް ޓްވީޓްގައި އޭނާ ވިދާޅުވެފައި ވެއެވެ.
Adeeb maraalan ulhey kamuge aduthah fethurey irehga mi kahala thuhumathu thakeh ufedhey gotheh sarukaarun kankan kurumaki kanbodu vaa kameh. Beys faruvaain mahuroom kurane ves maraalumuge beynumuga. #AuthorizeMedical4Adeeb https://t.co/QCDp8Qd0FV
— Moosa Siraj (@MoosesSiraj) December 3, 2017
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަޤާމް ކުއްލި ގޮތަކަށް ދަށްކުރުމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައި ވަނީ ފުލުހުންގެ އެތެރޭގެ މަޤާމުތަކަށް ގެންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖަމްޝީދުގެ މަގާމު ސުޕްރިންޓެންޑެންޓަކަށް ބަދަލުކުރުމަށް ފަހު، ފޮނުވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީއަށެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބް ފިއްލަވާފާނެ ކަމަށާއި، އަދީބް ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ. އަދީބްގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ އަދީބް ރާއްޖެއިން ބޭރަށް ނުފޮނުވައި ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.