ހދ ކޭލަކުނުގައި ރިސޯޓެއް ހެދުމަށް އެރަށް ދޫކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ތިމާވެށީގެ ގޮތުން ކޭލަކުނުގެ މުހިއްމުކަން ހާމަކޮށްދިނުމަށް ރާއްޖެ ޓީވީއިން ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
ހޮނިހިރު ދުވަހު ލޯންޗް ކުރި މިކެމްޕޭންގައި ކޭލަކުނުގެ ތިމާވެއްޓާއި، އެރަށުގެ މުހިއްމުކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ވަނީ ނިންމާފައެވެ. ކޭލަކުނަކީ ރާއްޖޭގައި ބަރު ގަހުގެ ޖަންގައްޔެއް އޮތް ހަމައެކަނި ރަށެވެ. އަދި ރަށުގެ ބޮޑުބައިގައި ކަނޑޫފާ ހެދިފައި އޮތް އިރު، އެރަށަކީ ޙިމާޔަތްކޮށްފައިވާ ރަށަކަށް ހެދުމަށް ތިމާވެށީގެ ތަޖުރިބާކާރުން ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފައެވެ. ކޭލަކުނަކީ ވަކި ޖަޒީރާ ރަށެއްގެ ގޮތުގައި އޮތް، 'މެންގްރޫވް އިކޯ ސިސްޓަމެއް' އެގޮތަށް ހެދިފައި ދުނިޔޭގައި އޮތް ހަމައެކަނި ރަށެވެ. އެރަށުގައި މެންގްރޫވް އިކޯސިސްޓަމްގައި ހެދޭ 5 ބާވަތެއްގެ ގަސް ހެދިފައިވެއެވެ. މިއީވެސް އެރަށުގެ ޚާއްސަ އެއް ސިފައެވެ. ރާއްޖޭގައި ކުޅިތަކާއި ފާތައް ހުރި އެހެން ރަށްރަށުގެ ޗަސްބިން ސަރަހައްދުތަކުގައި ހެދެނީ މަދު ބާވަތްތަކެއްގެ ގަހެވެ.
އެހެން ކަމުން އެރަށުގައި ރިސޯޓެއް ތަރައްޤީކޮށްފިނަމަ، އެކަމުގެ ސަބަބުން އެރަށުގެ ތިމާވެށި އެއްކޮށް ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ. ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދަނީ އެރަށް ޙިމާޔަތްކޮށް، އެރަށަކީ ދިރާސާތައް ކުރަން ޚާއްސަ ރަށެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލަމުންނެވެ. 'ސޭވް ކޭލަކުނު'ގެ ނަމުގައި ފޭސްބުކް، ޓުވިޓަރ އަދި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ކޭލަކުނަކީ މީގެ ގަރުނެއް މީހުން ދިރިއުޅުނު ރަށެކެވެ. އެހެން ނަމަވެސް 'ކޭލަކުނު ތަޅާލި ވިއްސާރަ'އިގެ ނަމުން މަޝްހޫރު ވިއްސާރައެއްގައި އެރަށް އެއްކޮށް ސުންނާފަތިވުމުން، އެރަށުގެ މީހުން އެހެން ރަށްތަކަށް ބަދަލުކުރެވުނުކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ. ކޭލަކުނުގައި ރިސޯޓެއް ހެދުމާއި ދެކޮޅު މީހުން ބުނަނީ އަނެއްކާވެސް 'ކޭލަކުނު ތަޅާނުލުމަށާއި'، ހދ އަތޮޅުގެ އެހެން ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރުން މާ ރަނގަޅުވާނެކަމަށެވެ.