މި ސަރުކާރުގައި ވެސް ކޮރަޕްޝަން އެބަ އޮތް ކަމަށާއި އެހެންވެފައި ވަނީ ކުރީ ސަރުކާރުން ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު އަޅާފައި ނެތުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ދަރުބާރުގޭގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަން ނެތޭ ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. އަދި މި ސަރުކާރުގައި އޮތް ކޮރަޕްޝަނަކީ ކުރީ ސަރުކާރުތަކުން ވާރުތަވި އެއްޗެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން އަޅުގަނޑުމެންގެ ސަރުކާރަކީ ހުދު ސާލެއް ކަމަށް ގަބޫލުކުރާކަށް. އެއާއެކީގައި ވެސް ދަންނަވާލަން ބޭނުން ވަނީ ކޮރަޕްޝަނުގެ ތަރީހެއް ދިވެހި ރާއްޖޭގައި އެބަ އޮތޭ. އެ ކޮރަޕްޝަނުގެ ކަންތައްތަކާ މެދު ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ކެރިގެން އެޅި ނަމަ އެ ކޮރަޕްޝަނެއް މިއަދުގެ ސަރުކާރަކަށް ވާރުތައެއް ނުވީސް،" ރައީސް ޔާމިން ވިދާޅުވި އެވެ.
މި ސަރުކާރުން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ބެލި ބެލުމުގައި ދައުލަތަށް ލިބެންޖެހޭ 18 ބިލިއަން ރުފިޔާ އޮތްކަން ހާމަވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ފައިސާ ހޯދުމަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮން ޖެހުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަން ފެށި ހިސާބުން އަޅުގަނޑުމެނަށް ފެނުނީ އެކި ބޭފުޅުން ރާއްޖެ ދޫކޮށް ވަޑައިގެންނެވީ، ބޭރުގައި ތިއްބެވި ބޭފުޅުން ރާއްޖެވަޑައިގަންނަވާން ވެސް ބޭނުންފުޅު ނުވީ. މި އަދަދުތަކަށް ބަލާލާއިރު 18 ބިލިއަނަކީ ބޮޑު އަދަދެއް. ބަރު އަދަދެއް. އެހެންވީމަ 800 މިލިއަން ޑޮލަރު އުފުލާ މީހަކަށް އިނގޭނީ 18 ބިލިއަން އުފުލަން ވެއްޖެއްޔާ ކިހާ ބަރެއްކަން،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ މައްޗަށްކުރާ ތުހްމަތުތަކާ ގުޅުވައިގެން ހަޖޫ ޖައްސަވާފަ އެވެ. އެގޮތުން އެމަނިކުފާނަކީ 800 މިލިއަން ޑޮލަރު ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ހިސާބު އަދަދު އެމަނިކުފާނު ވިދާޅުވާނީ ބިލިއަނުން ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު އިޝާރާތް އެ ކުރައްވަނީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތުހްމަތަށެވެ.
ކޮރަޕްޝަނާ ގުޅޭ ގޮތުން އެމަނިކުފާނުގެ ބަހުގެ ހަމަލާތައް ރައްދު ކުރެއްވީ އެމަނިކުފާނު ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރަށެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުންނެވި ބޭފުޅަކު އެކަނި ވެސް 130 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހިފައިވާ ކަމަށާއި އެވަރުވުމުން ދެން ރައްޔިތުންގެ ހައްގުގައި ކުރެވޭނީ ކޮން މަސައްކަތެއްތޯ ވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި ބޭފުޅުން މިހާރު އެކުގައި މަސައްކަތްކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވައި ރައީސް ޔާމިން ވިދާޅުވީ ތެލާއި ފެނާ އެކުނުވާނެ ކަމަށް ބުނި ނަމަވެސް މިހާރު އެންމެ ފަސޭހައިން އެކުވަނީ އެ ދޭތި ކަމަށެވެ. އަދި ފެނަށް ވުރެ ލޭ އޮލަވާނެ ކަމަށް ބުނާ ވާހަކައާ މެދު ވެސް ފުންކޮން ވިސްނާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.