މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުންދާ ޕާސްޕޯޓު ކާޑާއިބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕާސްޕޯޓު ކާޑަކީ، ޕާސްޕޯޓެކޭ އެއްފަދައިން ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައިވާ އަދި ފަސޭހައިން އެއަށް ބަދަލު ނުގެނެވޭ ގޮތަށް އެންމެ ފަހުގެ ޒަމާނީ ސަލާމަތީ ސިފަަތައް އެކުލެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކާޑެއް ކަމަށެވެ. ޕާސްޕޯޓު ކާޑު ހައްދާ ފަރާތްތަކުގެ އެކައުންޓާއި މި ކާޑާއި ލިންކު ކުރެވެނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކާޑު ފޮނުވައިގެން ކަމަށާއި މި ކާޑު ދޫކުރެވޭ ފަރާތުގެ ބޭންކު ޑީޓެއިލް ހިމަނަނީ ބީއެމްއެލް އިން އަަމަލުކުރުމަށް ހަމެޖެހިފައިވާ އުސާލާއި އެއްގޮތްވާ ގޮތުގެ މަތީން ބީއެމްއެލް އިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ކާޑުގެ ވެރިފަރާތުގެ ބޭންކު ޑީޓެއިލްސް ހިމެނުމަށްފަހު ކާޑުގެ ޗިޕް ބީއެމްއެލް އިން ލޮކްކުރާނެ ކަމަށާއި އެހެންކަމުން އެކާޑުގައި ހިމަނާފައިވާ ބޭންކު ޑީޓެއިލްސް އެގޭނީ ބޭބީއެމްއެލް އާއި ކާޑުގެ ވެރިފަރާތަށް އެކަނި ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއްވެސް ހާލަތެއްގައި ކާޑު ހައްދާ ފަރާތުގެ ބޭންކް ތަފުޞީލު އިމިގްރޭޝަނަށް ހިއްސާ ކުރާ ގޮތަށް ހަމެޖެހިފައިނެތް ކަމަށްވެސް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ ސިޔާސީ ގޮތުން މަންފާ ހޯދުމުގެ ގޮތުން ހަގީގަތާއި ހިލާފަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވެރިފައިޑް އެކައުންޓު ބޭނުންކޮށް ސައްހަނޫން މަޢުލޫމާތު ފަތުރަމުންދާކަމީ އެ މުއައްސަސާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިމިގްރޭޝަނަކީ ޕާސްޕޯޓު ކާޑުގެ އިތުރުން ޕާސްޕޯޓު ވެސް ހަދާދޭ ފަރާތްކަމުން ޕާސްޕޯޓު ކާޑާއިގުޅޭ ގޮތުން ހަގީގަތެއްނެތް މައުލޫމާތު ފެތުރުމަކީ، ޕާސްޕޯޓު ކާޑުގެ އިތުރުން ޕާސްޕޯޓުގެ ވެސް އިންޓެގްރެޓީއާއިމެދު ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާރާތްތަކުން ސުވާލު އުފައްދަފާނެ ކަމެއްކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ، ދިވެހީން ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ ހޯދުމުގައި ދަތިވެ، ބޭރު ގައުމުތަކުގެ ބޯޑަރ ހުރަސް ކުރުމުގައި ދަތިތަކާއި ކުރިމަތިވެ، އިމިގްރޭޝަން ކުލިއަރަންސް ހޯދުމުގައި ލަސްވުންފަދަ ކަންކަން ދިވެހީން ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނާއި އަދި އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތާއި އަދި ތަކެއްޗާއި ގުޅޭގޮތުން ސައްހަނޫން މައުލޫމާތު ފަތުރަމުންދާ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަން އަންގާ އެފަދަ އަމަލުތައް ހިންގާ ފަރާތަކަށް އިންޒާރު ދޭ ކަމަށްވެސް އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.