ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 17:47
ރައީސް އަބްދުﷲ ޔާމިން
ރައީސް އަބްދުﷲ ޔާމިން
ގޫގުލް
ރާއްޖޭގެ ދަރަނި
ދަރަންޏޭ ކިޔައިގެން ތިކިޔޭ އެއްޗެއް ސަރުކާރަށް އެބަ އެނގޭތަ؟
2018 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 50 ބިލިއަނެއްހާ ރުފިޔާއަށް އަރާ
މިއަހަރު ނިމޭއިރު ވެސް ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާ
ޕީޕީއެމްގެ ސަރުކާރުގެ ދަރަނި 21.4 ބިލިއަން ރުފިޔާއަށް އަރާނެ: ބަޖެޓްގެ ހިސާބުތައް

މި ރާއްޖޭގެ ދަރަނި ބޮޑުވީ ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވެއެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުނުތާ 9 އަހަރު، އަދި ރައީސް ނަޝީދުގެ ވެރިކަން ނިމުނުތާ ހަ އަހަރުވާން ގާތްވެފައިވާއިރު، ޤައުމުގެ ދަރަނި ބޮޑުކޮށްލާފައި ވެރިން އަދިވެސް ވިދާޅުވަނީ ދަރަނި ބޮޑުވަނީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަބަބުން ކަމަށެވެ. މާދަމާ ޗައިނާއަށް ގޮސް ލޯނެއް ނަގާފައި އައިސް ވެސް ބުނާނީ ރައީސް ނަޝީދާއި ހެދި ލޯނު ނަގަން ޖެހެނީ ކަމަށެވެ. ހިތާމަޔަކީ ވާހަކަތައް ޤަބޫލުކުރާ މަދު ނަމަވެސް ދިވެހިން އުޅޭކަމެވެ.

ހަޤީގަތަކީ ދަރަނި ބޮޑުވެ، ހައްދުފަހަނައަޅައި ދަނީ އިޤްތިޞާދީ މާ ބޮޑު މާހިރެއް ކަމަށް ޕީޕީއެމްއިން ބުނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމާޒެއް ނެތް އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ކަމެވެ. ދަރަނި ނަގާ ކަމަށް ވިދާޅުވެ، އެކަމާ އަމިއްލަފުޅަށް ފަޚުރުވެރިވެ ވާހަކަ ދައްކަވަނީ ވެސް ހަމަ ރައީސް ޔާމީނެވެ. އެމަނިކުފާނު އެހެން ވިދާޅުވާއިރަށް އެވާހަކަތައް ތަރުޖަމާކުރައްވަން ނިކުންނަވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވިދާޅުވަނީ ދަރަނި ބޮޑުވީ ރައީސް ނަޝީދުގެ ސަބަބުން ކަމަށާއި، ދަރަނި ނެގީ ރައީސް ނަޝީދު ކަމަށެވެ. އަޅެފަހެ މީހަކު ހައިރާންވެ އަންތަރީހެއް ނުވާނެތޯއެވެ؟

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ލޯނު ނުނަގައި ކަންކަން ކުރައްވާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ތަރައްޤީ އަށް ލޯނަކީ މުހިއްމު އެއްޗެއް ކަމަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު އަޑު އަހާލުމުން އަޅުގަނޑަށް ހީވި އެއްޗަކީ ލޯނަކީ ވަރަށް ރަނގަޅު އެއްޗަކަށް ހައްދަވާފައި، ދަރަންޏަކީ ވަރަށް ގޯސް އެއްޗަކަށް ހައްދަވަން އުޅުއްވާހެންނެވެ. އެއީ އެކައްޗަކަށް ވިޔަސް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅުއްވަނީއެވެ. މުޅި ސްޕީޗްގައި އެންމެ ފަހަރަކު ވެސް ދަރަންޏޭ ވިދާޅުނުވާއިރު، މަދުވެގެން 44 ފަހަރު "ލޯނު" މިބަސް ބޭނުންކުރެއްވިއެވެ. ޤައުމު ދަރަނިވެރިވެ، އިޤްތިޞާދު ފުނޑިގެން ހިނގައިދާނެކަމުގެ އިންޒާރު ބައިނަލްއަޤްވާމީ މާލީ އިދާރާއިން ދީފައިވާއިރު، އަދިވެސް ހަމަ އައިއެމްއެފްއަށް އެއްޗެހި ކިޔާލަ ކިޔާލާ ތިބެންވީއެވެ. މުޅި ދުނިޔޭގެ އިޤްތިޞާދު ދިރާސަކުރަމުންދާ އެތައް އިކޮނޮމިސްޓުންނެއް ބުނާ ވާހަކައެއް ޤަބޫލުނުކޮށް، އަޅުގަނޑުމެން ޤަބޫލުކުރަންވީ އިކޮނޮމިސްޓެއް ކަމަށް ބުނާ އެންމެ އެންމެ މީހަކު ދައްކާ ވާހަކަތޯއެވެ؟

ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ލޯނު ނަގަން ޖެހެނީ ކީއްވެގެންކަން ކިޔައިދެއްވަން ދެ މިސާލެއް ނެންގެވިއެވެ. އެއްމިސާލަކީ ސްޓޫޑަންޓް ލޯނެވެ. އަނެއް މިސާލަކީ ގެސްޓްހައުސްއެއް އަޅަން ނަގާ ލޯނެއްގެ ވާހަކައެވެ. ރައީސް ޔާމީނެވެ. ސްޓޫޑަންޓް ލޯނުގަނޑެއް ރާއްޖޭގެ ބޭންކަކުން ލިބެނީ ކޮންމެވެސް ހަރު މުދަލެއް ރަހުނުކޮށްފައެވެ. ހިތައް އެރި މިންވަރަކަށް ލޯނު ނުދެއެވެ. ގެސްޓް ހައުސްއެއް އަޅަން ލޯނު ދެނީ ވެސް އެތަނުގެ އެއްބައި ހަދައި، އެތަން ރަހުނުކޮށްގެންނެވެ. މަނިކުފާނު ހިފެހެއްޓުމެއް ނެތި ލޯނުތައް ތި ނަންގަވަނީ މި ޤައުމު ރަހުނުކުރައްވާފައެވެ. މިޤައުމުގެ ރައްޔިތުންގެ މުސްތަޤްބަލު ރަހުނުކުރައްވާފައެވެ. ފެންނަހާ ތަނަކުން ލޯނު ނަންގަވަމުން ވަޑައިގަންނަވާއިރު، އިޤްތިޞާދަށް ލޮޅުމެއް އަރައި، އެއްކަލަ ލޯނުތައް ޑިފޯލްޓްވުމުން ދެން ރަހުނަކަށް ދައްކަންވީ ދިވެހި ރައްޔިތުންތޯއެވެ؟ އަދިވެސް ހަމަ އައިއެމްއެފް އަށާއި ވޯލްޑް ބޭންކަށް ހިތުހުރި އެއްޗެއް ވިދާޅުވެ، ޗައިނާގައި ހުރިއްޔާ ހުރި ބޭންކަކުން ލޯނު ނަންގަވާށެވެ.

ސަރުކާރުން ލޯނު ނެގުން ނޫނިއްޔާ ދެން ކުރާ ކަމަކީ ބޮންޑް ވިއްކުމެވެ. ސޮވަރިން ބޮންޑް ވިއްކަން ސިންގަޕޫރަށް ދިޔަ ވާހަކަ މޭފުއްޕާފައި ސަރުކާރުގެ އިސްވެރިން ވިދާޅުވާއިރު، މިވެސް ދަރަނިކަން ދިވެހިންނަށް ނޭނގޭ ކަމަށް ވެރިންނަށް ހީފުޅުވަނީތޯއެވެ؟ ބޮންޑް ވެސް ވިއްކަންވީއެވެ. ލޯނު ވެސް ނަގަންވީއެވެ. ދެން ވެސް ހުރިއްޔާ ހުރި އިންސްޓްރޫމަންޓެއްގެ ބޭނުން ހިފަންވީއެވެ. ކުރަންވީ ކަމަކީ އެކަންކަން ހައްދުފަހަނައަޅައި ނުދިޔުމެވެ. ދާދިފަހުން 200 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކި ފަހުން އަނެއްކާ ވެސް އިހަކަށް ދުވަހު ސިއްރިޔާތުގައި އެވަނީ 50 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައެވެ. ކުރު މެޗުއަރިޓީ މުއްދަތެއް ދީފައި ވިއްކާ ބޮންޑްތައް ފަސް އަހަރު ތެރޭގައި މެޗުއަރވުމުން އެއަށް ފައިސާ ދައްކަނީ ބްރިޖް ކައިރީގައި އަޅާ ހ. ދޫވެހި ކުއްޔަށް ދީގެން ލިބޭ ފައިސާއިންތޯއެވެ؟ ނޫން ނަމަ ސަރުކާރުގެ ވިސްނުމަކީ އެއަށް ފައިސާ ދައްކަން އަނެއްކާ ވެސް ބޮންޑް ވިއްކުންތޯއެވެ؟

މި ޤައުމު ދަރަނިވެރިކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވާ ބޭފުޅުން ގާތު އަޅުގަނޑު އަހާލަން ބޭނުންވާ ސުވާލެއް އޮވެއެވެ. އެ ސުވާލަކީ، ތިބޭފުޅުން ތިހެން ތިވިދާޅު ވަނީ ކޮންތާކު ޖަހާފައި އޮތް ހިސާބެއް ބައްލައިގެންތޯއެވެ؟ ހިސާބެއް ނުބައްލަވާ ކަމަށްވާ ނަމަ ހަމަ ވާތުފަތަށް ބަރުކުރަން ހިތަށް އެރިހާ އެއްޗެއް ކިޔަނީތޯއެވެ؟

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، އެތެރެ އާއި ބޭރުގެ ދަރަނި އެއްކޮށް ރާއްޖޭގެ ދަރަނި ހުރީ 17.7 ބިލިއަން ރުފިޔާގައެވެ. އެމްޑީޕިއިން ވެރިކަމާ ހަވާލިވިއިރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ސަރުކާރުން ދައްކަން ޖެހޭ ދަރަނި ހުރީ ބޭޑް ޑެޓްސްގެ ގޮތުގައި ރައިޓް އޮފް ނުކޮށެވެ. އެހެންކަމުން އެފައިސާ ދައްކަން އެމްޑީޕީ ސަރުކާރަށް ވެސް ޓްރެޝަރީ ބޮންޑް ވިއްކަން ޖެހުނެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައިރު، ރާއްޖޭގެ ދަރަނީގެ ޖުމްލަ އަދަދަކީ 25 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ރައީސް މައުމޫންގެ ވެރިކަން ނިމި، ޑރ. ވަހީދުގެ ވެރިކަން ފެށުމާ ދޭތެރޭ އެމްޑީޕީގެ ވެރިކަމުގައި އިތުރުވީ އެންމެ 7.3 ބިލިއަން ރުފިޔާގެ ދަރަންޏެވެ. ޖުމްލަ ދަރަނި ބޮޑުވި ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި ބޭރުގެ ދަރަނި ކުޑަކުރެވުނެވެ. ވެރިކަމާ ހަވާލުވިއިރު ބޭރުގެ ދަރަނި 13.5 ބިލިއަން ރުފިޔާގައި ހުރި އިރު، ވެރިކަން ނިމިގެން ދިޔައިރު އޭގެ ތެރެއިން 500 މިލިއަން ރުފިޔާގެ ދަރަނި ކުޑަކުރެވުނެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން 2013ވަނަ އަހަރު ފެށުނުއިރު، ރާއްޖޭގެ ދަރަނި ހުރީ 27.6 ބިލިއަން ރުފިޔާގައެވެ. ދަރަނި ބޮޑުވަމުން އައިސް، 2017ވަނަ އަހަރު ނިމޭއިރު ދަރަނި 43 ބިލިއަން ރުފިޔާއަށް އަރައެވެ. ބޭރުގެ ދަރަނި 17 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އަންނަ އަހަރު ނިމޭއިރު ބޭރުގެ ދަރަނި 21.7 ބިލިއަން ރުފިޔާއަށް އަރާއިރު، ޖުމްލަ ދަރަނި 49 ބިލިއަން ރުފިޔާއަށް އަރައެވެ.  ޕީޕީއެމްގެ ވެރިކަމުގެ މިދައުރު ނިމޭއިރު، ވެރިކަމާ ހަވާލުވިއިރު އޮތް ދަރަންޏަށް ވުރެ 21.4 ބިލިއަން ރުފިޔާ ބޮޑުވެގެން ނިމިގެން ދަނީ ހަމަ އެއްކަލަ އިޤްތިޞާދީ މާހިރުގެ މޮޅުކަމުންތޯއެވެ؟ މި ދަރަނި ދައްކަން އަޅުގަނޑުމެން ފައިސާ ނެރެނީ ކޮންތަނަކުންތޯއެވެ؟

ރާއްޖޭގެ އިޤްތިޞާދަށް ފައިސާ ވަންނާނެ އިތުރު އެއް ގޮތެއް ވެސް ސަރުކާރަށް ތަޢާރަފްކުރެވިފައެއް ނެތެވެ. ލޯނު ދެއްކޭނެއޭ ކިޔައިގެން ލޯނު މައްޗަށް ލޯނު ނަގަމުންދާއިރު، މިއީ ސައިބޯނި ބޮއްކެއް ފަދަ އިޤްތިޞާދެކެވެ. ފަޅައިގެންދާން މާގިނަ ދުވަހެއް ނުނަގާނެއެވެ. ފަޅައިގެން ދިޔުމުން ދެން އޮންނާނީ ވާނެހާ އެއްޗެއް ވެ ނިމިފައެވެ. ދެން އަތް ޖަހާށެވެ. ބޭރުގެ ދަރަނި 21.7 ބިލިއަން ރުފިޔާއަށް ބޮޑުވިއިރު، އެލޯނު ދައްކަން ޖެހެނީ ބޭރު ފައިސާއިންނެވެ. ޗައިނާއިން ނަގާ ލޯނު ވެސް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ. އެޑޮލަރު ނަގަން ޖެހެނީ ޤައުމުގެ ބައިތުލްމާލުންނެވެ. އެހިސާބުން އަސަރުއެކުރަނީ ދައުލަތުގެ ރިޒާވަށެވެ. އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު 2016 ވަނަ އަހަރު ނޮވެމްބަރު މަހު ފެނިގެން ދިޔައެވެ. ވަރަށް ފަސޭހައިން އެކަން ނިންމާލެވިއްޖެ ކަމަށް ބުނެ ޖީއެމްއާރަށް ސަރުކާރުން ދައްކަން ޖެހުނު ފައިސާ ދައްކާ ނިންމާލާފައި ބުނީ ފައިސާ ދެއްކީ އެއަރޕޯޓްސް ކޮމްޕެނީއިން ކަމަށެވެ. އެހިސާބުން މަޖިލިސް މެމްބަރުން ވެސް ވިދާޅުވީ އެމްއޭސީއެލްއަށް އެފައިސާ ދެއްކުނީ އަމިއްލައަށް ކުންފުނި ހިންގަން ފެށުމުން ކުންފުންޏަށް ފައިދާވާތީ ކަމަށެވެ. އެހެން ނަމަވެސް ދެން އެނގިގެން ދިޔައީ ޖީއެމްއާރަށް ފައިސާ ދެއްކީ އެމްއެމްއޭގެ ފޮރިން ކަރަންސީ ރިޒާވުންކަމެވެ. އެގޮތުން 140 މިލިއަން ޑޮލަރު ދައުލަތުގެ ޚަޒާނާއިން ނެގުމުން، ފޮރިން ކަރަންސީ ރިޒަރވް 50 މިލިއަން ޑޮލަރަށް ވެއްޓުނެވެ. މިއީ ރާއްޖެއަށް މަސްދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެންނަން ބޭނުންވާހާ ފައިސާ ވެސް ހަމަނުވާ މިންވަރެކެވެ. ދެން ޖެހުނީ އެތަން ފޫބައްދަން ބޭރުން ލޯނު ނަގާށެވެ. އެހީވީ ޗައިނާއަކުން ނޫނެވެ. ކަމަކު ޖެހުނީމައި އަބަދުވެސް އެހީވާ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާގެ މަރުކަޒީ ބޭންކުން 100 މިލިއަން ޑޮލަރު އަދި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 75 މިލިއަން ޑޮލަރުގެ ލޯނެއް ނެގިއެވެ. ޖީއެމްއާރަށް ދައްކަން ފައިސާ ނެގުމުން ނަގަން ޖެނުނު ލޯނު އެއަށްވުރެ ބޮޑުވީއެވެ. މިޖެހުނީ ކޮންތާކުތޯއެވެ؟ އަދިވެސް ހަމަ ތިބޭފުޅުން ވިދާޅުވާނީ ރައީސް ޔާމީނަކީ އިޤްތިޞާދީ މާހިރެކޭތޯއެވެ؟

ސަރުކާރުގެ ދަރަނީގެ ވާހަކަ އަދި 49 ބިލިއަން ރުފިޔާއިން ނިންމާލެވޭކަށް ނެތެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ކޮބައިތޯއެވެ؟ ޕްރޮޖެކްޓެއް ހިންގަން އާނ ބަސް ދޭ ކޮންމެ ކުންފުންޏަކަށް ދޭ ސޮވަރިން ގެރެންޓީ ކޮބައިތޯއެވެ؟ މިއިން ކޮންމެ ލޯނެއް ޑިފޯލްޓްވާއިރަށް ލޯނު ދައްކަން ޖެހެނީ ހަމަ ދިވެހި ސަރުކާރަށެވެ. ސާޅީސް ނުވަ ބިލިއަން ރުފިޔާގެ ދަރަނީގެ މައްޗަށް އިތުރުވެފައި އެވަނީ އަނެއްކާ ވެސް އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނީގެ ބިރުވެރި ކަމެކެވެ.

ދަރަނީގެ ވާހަކަ މިހާރު ކޮންމެ ޖަލްސާއެއްގައިހެންކަހަލަ ގޮތަކަށް ރައީސް ޔާމީން ދައްކަވައެވެ. އާދިއްތަ ދުވަހު ވެސް ހަމަ ދެއްކެވީ ގާތްގަނޑަކަށް ހަމަ އެވާހަކަތަކެވެ. އެކަމަކު އެއިން އަޅުގަނޑު އަޅައިގަތް އިތުރު ވާހަކައެއް ދެއްކެވިއެވެ. އެއީ ކުރީގެ ސަރުކާރުތަކުގެ ދަރަނި ވެސް ދެއްކުމުގެ ޤާބިލްކަން އެބަހުރި ކަމަށް އެވިދާޅުވި ވާހަކައެވެ. ޤައުމުގެ ދަރަނި ބޮޑުވެ، ޤައުމު އިނދަޖެހޭ ހިސާބަށް މިދިޔައީ އެޤާބިލްކަން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގައި ހުރެގެންތޯއެވެ؟

- ކޮމެންޓް
4 ޑިސެންބަރ 2017 | ހޯމަ 08:50
Maanu
Noosverikan at its best. Heevee hama siyasy beyfulhaku podium ekkairy hure dhekki thaakun thaaku nujehey vahaka thakeh hen. #ladh