އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ރަށްރަށުގައި ސައިން ލެންގްއޭޖް ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމަށް ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން 270 ވަޒީފާ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަޖައްސާ ދީފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގައި މަސައްކަތްކުރާ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކާ އެކު މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސައިން ލޭންގުއޭޖް ކޯސްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނާއި މީހުންނަށް ޚިދުމަތްދޭ އާއްމު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވެސް ސައިން ލޭންގްއޭޖު ކޯސްތަކެއް ހިންގާފައިވާ ކަމަށް ޒެނީޝާ ވިދާޅުވި އެވެ.
"އެގޮތުން ޖެންޑަރ މިނިސްޓްރީގައި މަސައްކަތް ކުރާ ސޯސަލް ސާރވިސް ވޯކަރުންނާއި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން 70 ވުރެ ގިނަ ބައިވެރިންނަށް ވަނީ މިއަހަރުގެ ތެރޭގައި ބޭސިކް ސައިން ލޭންގްއޭޖް ކޯސް ކުރިއަށް ގެންގޮސްފަ. އަދި އާއްމު ޚިދުމަތް ދޭ ފަރާތްތަކަށް 46 ބައިވެރިން ހިމެނޭ ގޮތަށް، ބޭސިކް އަދި އެޑްވާންސް ސައިން ލޭންގްއޭޖް ކޯސް މިހާރު ވަނީ ނިމިފަ،" ޒެނީޝާ ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވީ ސައިން ލޭންގްއޭޖަކީ ވެސް އެހެން ބަސްތަކަކޭ އެއްފަދައިން ގަވާއިދުން މުއާމަލާތް ނުކުރާ ނަމަ ފަސޭހައިން ހަނދާން ނެތޭނެ ބަހެއް ކަމަށެވެ. އެހެންކަމުން މަސައްކަތުގެ މާހައުލުގައި ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ވެސް އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެކު މުއާމަލާތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި އިތުރު ފަރާތްތައް ސައިން ލޭންގްއޭޖް ބަސް ދަސްކުރުމަށް ބާރު އަޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ސައިން ލޭންގްއޭޖް ކޯސްތައް ފުރިހަމަކުރެއްވި ފަރާތްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.
"ހާއްސަ އެހީއަށް ބޭނުންނާ ފަރާތްތަކުގެ ހައްގުތައް ގެއްލޭ ހާލަތްތަކާއި އިހުމާލުވުމާއި އަދި ވެސް ގަބޫލުކުރަން ދަތި ކަންކަން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ތަހައްމަލު ކުރަމުންދާކަން ހިތާމައާއެކު ދަންނަވާލަން. އަޅުގަނޑުމެންގެ މިކުޑަ މުޖުތަމައުގައި ވެސް މަދުން ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި މީހުންގެ ނާޖާއިޒު ފައިދާ ނަގާކަން ވެސް ހިތާމައާއެކު ފާހަގަކޮށް، މިފަދަ އަމަލުތައް ހަރުކަށި ބަހުން ކުށްވެރިކުރަން،" މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ކަންކަމުގައި ބައިވެރި ކުރުމަކީ އެ މީހުންނަށް އިތުރު ފުރުސަތު ލިބުމުގެ އިތުރުން ގައުމަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.
ޒެނީޝާ ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 350 އަށް ވުރެ ގިނަ ޓީޗަރުން ތަމްރީން ކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ ދާއިރާ އިން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ޚިދުމަތްތަކާއި ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދުވަހެވެ. މިދުވަހާއި ގުޅިގެން މިއަހަރުގެ ޝިއާރަކީ "ކުރިމަގު ބައްޓަން ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" އެވެ.