ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެންފި އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު، ލަންކާއަށް ވަޑައިގެންނެވީ ރޭ ފަތިހު އެވެ. އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދު ކޮލަމްބޯއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަޑައިގެންނެވީ މުހިންމު މަސައްކަތެއްގައި ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.
President @MohamedNasheed in Colombo on an important mission. Welcome back @KerafaNaseem @HamidhAG pic.twitter.com/n2EtRJO7nH
— Ahmed Mahloof (@AhmedMahloof) December 3, 2017
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި އޭގެ ފަހުން ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންނެވުމަށްފަހު އެ ގައުމުން ސިޔާސީ ހިމާޔަތް ވަނީ ހޯދައްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު އަވެއްޓެރި އިންޑިޔާއަށާއި ސްރީލަންކާއަށް އެކި ފަހަރު މަތިން ވަޑައިގެންފައިވެއެވެ. އަދި ލަންކާގައި ހުންވައިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުންނާއެކު ބައްދަލުވުންތައް ބާއްވަވާފައިވެއެވެ.
ބެލްޖިއަމްގެ މަޝްހޫރު ޔުނިވާސިޓީ އޮފް ލީޖްގެ ހޫގޯ އޮބްޒާވެޓަރީން އިންތިޒާމްކުރި ފެސްޓިވަލް ހޫގޯގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު ބެލްޖިއަމްއަށްވެސް ވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ. އަދި އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށް އެމްޑީޕީއާއި އެމަނިކުފާނުވެސް ގެންދަނީ ވިދާޅުވަމުންނެވެ.