ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަލްމާން ހާންއާ ކެޓްރީނާ ކައިފްގެ ފިލްމަކަށް އެ ދެ ތަރިންގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ދެ ތަރިން އެކުގައި ސްކްރީނުން ދެކެން ބޭނުންވާ އެތައް ބައެއްގެ އިންތިޒާރަށް މި ވަނީ ނިމުން އައިސްފައެވެ.
އެންމެ އަވަހަށް ކެޓްރީނާ އަދި ސަލްމާންހާން އެކުގައި ފެނިގެންދާނެ ފިލްމަކީ "ޓައިގާ ޒިންދާ ހޭ" އެވެ. އެގޮތުން އެ ފިލްމުގެ ފުރަތަމަ ލަވަ ކެޓްރީނާ މި ވަނީ ލޯންޗް ކޮށްދީފައެވެ.
މިއީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ.
"ޓައިގާ ޒިންދާ ހޭ" ގެ ފުރަތަމަ ލަވައިގައި ފެނިގެން ދަނީ ސަލްމާން ހާން "ލޯބި" ގޮތަކަށް ކެޓްރީނާ އަށް ލޯބި ހުށަހަޅާ މަންޒަރެވެ. އެގޮތުން އޮސްޓްރިއާގެ ގަނޑުވެފައިވާ ކޯރެއްގައި ސަލްމާން ކެޓްރީނާގެ ފޮޓޯ އެއް ތަފާތުއެކި ކުލަތައް ބޭނުން ކޮށްގެން ކުރަހާ މަންޒަރު ފެނިގެންދެއެވެ. އަދި ކެޓްރީނާ އަށް ލޯބި ހުށަހަޅާ ކެޓްރީނާ ރުއްސުމަށް ސަލްމާން މަސައްކަތް ކުރާ މަންޒަރު ލަވައިން ފެނިގެންދެއެވެ.
"ދިލް ދިޔާ ގައްލާން" މި ލަވަ ލޯންޗް ކޮށްފައި ވަނީ ސަލްމާންހާން ހުށަހަޅާދޭ ޝޯއެއް ކަމަށްވާ "ބިގް ބޮސް" ގެ ތެރެއިންނެވެ. ލަވަ ލޯންޗް ކުރުމަށް ފަހު ކެޓްރީނާ ބުނީ މި ލަވައަކީ އޭނާގެ ހިތުގައި ވަަރަށް ހާއްސަ ޖާގައެއް ދެވިފައިވާ ލަވައެއް ކަމަށެވެ. އަދި ސަލްމާންހާން އާއެކު މި ލަވަ ލޯންޗް ކުރުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާ ކަމަށް ކެޓްރީނާ ބުންޏެވެ.
ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފައި ވަނީ މި ލަވައަކީ ފުރިހަމަ ލޯބީގެ ލަވައެއް ކަމަށެވެ. އަދި މި ލަވައަކީ ލޯބި ހުށަހެޅުމަށް ވަަރަށް ހިތްގައިމު ލަވައެއް ކަމަށާއި މިއީ ލޯބިވެރިންގެ ލަވައެއް ކަމަށް ޒަފަރު ބުނެފައިވެއެވެ.
ޒަފަރު ބުނީ މި ލަވައިގެ މަންޒަރުތައް ނެގުމުގައި ވަަރށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެނު ކަމަށެވެ. ހާއްސަކޮށް ގަނޑުވެފައިވާ ތަނެއްގައި ކުލަތަކެއް ބޭނުން ކޮށްގެން ކެޓްރީނާގެ ތަސްވީރު ކުރެހުމަށް އެތައް އނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް ޒަފަރު ބުނެފައިވެއެވެ.
"ޓައިގާ ޒިންދާ ހޭ" ގެ ފުރަތަމަ ލަވައިގެ ރާގާއި މިޔުޒިކް ތައްޔާރު ކޮށްފައި ވަނީ ވިޝާލް އަދި ޝޭކަރުއެވެ. އަދި ލަވަ ކިޔައިދީފައި ވަނީ އާތިފް އަސްލަމްއެވެ.
ސަލްމާންހާން މި ފިލްމުގައި ފެނިގެން ދާނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.