ދަރަނި ކުޑަނުކޮށްފިނަމަ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފްއިން މިހެން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް މިއަހަރު އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައެވެ.
މި ރިޕޯޓުގައި އައިއެމްއެފްއިން ބުނީ ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރު ރަނގަޅުވެފައިވަނީ ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އިގްތިސާދު ކުރިއެރި ކަމުގައި ވީނަމަވެސް ދަރަނި ބޮޑުވުމުގެ ސަބަބުން މުސްތަގުބަލުގައި އިގްތިސާދީ ދުވެލި މަޑުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އައިއެމްއެފްއިން ބުނެފައިވެއެވެ.
އެ ޖަމްއިއްޔާއިން ބުނެފަވަނީ އިތުރުވަމުންދާ ދަރަނިތަކާއި ބަޖެޓް ޑެފިސިޓްވުމުގެ ސަބަބުންނާއި ބޭރު ފައިސާގެ ރިޒަރވް ކުޑަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
އައިއެމްއެފްއިން ވަނީ ރާއްޖޭއަކީ 'ފްރެޖައިލް ސްޓޭޓް' އެއް، ނުވަތަ ނާޒުކު ފައްތަރެއްގައި އޮތް ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ޖަމްއިއްޔާއިން ރާއްޖެ މި ލިސްޓަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުންނާއި ރާއްޖޭގައި ވިޔަފާރީގެ ކަންކަން ކުރެވެމުންދާ ގޮތުގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭއަށް ލިބުނު އާމްދަނީއާއި ބަޖެޓްގެ ބޭނުންކޮށްފައިވާ ގޮތަށް ބެލުމަށް ފަހުއެވެ.
އައިއެމްއެފްގެ 'ފްރެޖައިލް ސްޓޭޓް' ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ހައީޓީ، ކޮސޯވޯ، ލައިބީރިއާ، މިޔަންމާ އަދި ދެކުނު ސޫދާން ހިމެނެއެވެ.
އައިއެމްއެފްއާއި ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ޖީޑީޕީގެ 121 އިންސައްތައަށް އަރާނެއެވެ. މިދިޔަ މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ 60 އިންސައްތައެވެ. އެހެންކަމުން އައިއެމްއެފްއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި ދެގުނައަށް އުފުލޭނެއެވެ.
މެދު ރާސްތާގައި ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. އެގޮތުން އާމްދަނީ ހޯދުމަށް އިތުރު ގޮތްތަކެއް ތައާރުފުކޮށް ސަރުކާރުން ކުރާ ޚަރަދުތައް މަދުކުރުމަށާއި ބޮޑެތި އިންވެސްޓްމެންޓްތަކަށް އަހަންމިއްޔަތުކަން ދިނުމަށް އެ ޖަމްއިއްޔާއިން ވަނީ އިރުޝާދު ދީފައެވެ.
ރާއްޖޭގެ އިގްތިސާދީ ދުވެލި އެއްވަރެއްގައި ހިފަހައްޓައި މިހާރު އޮތް ނާޒުކު ފައްތަރުން ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރަން ބޭނުންވާނަމަ ދަރަނި މަދުކޮށް ބަޖެޓް ޑެފިސްޓް ކުޑަކުރަން ޖެހޭ ކަމަށްވެސް އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ. ހަމައެހެންމެ ދުރު ރާސްތާގައި އިގްތިސާދުގެ ދުވެލި ހަލުވި ކުރުމަށް މާލީ ދާއިރާ ވަރުގަދަކޮށް ބޭރު ފައިސާގެ ރިޒަރވް އިތުރުކުރުމަށްވެސް އައިއެމްއެފްއިން ވަނީ އިރުޝާދު ދީފައެވެ.
އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދަކީ ނާޒުކު އިގްތިސާދެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ސަރުކާރުން ވަނީ އެ ޖަމްއިއްޔާއާއި ވޯލްޑް ބޭންކުން މީގެކުރިން ދީފައިވާ އިންޒާރުތަކަށް ބީރު ކަންފަތެއް ދީފައެވެ. ދާދިފަހުންވެސް ފިނޭންސް މިނިސްޓަރު އައިއެމްއެފް ސިފަކުރައްވާފައިވަނީ ޔޫރަޕުގެ ގައުމުތަކުގެ ނުފޫޒާއިއެކު އެހެން ގައުމުތަކުގައި 'ހަންފަތުރަމުންދާ' ބައެއްގެ ގޮތުގައެވެ.