ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރެއްވީ ވެރިކަމުގައި ހުންނަވާ ބޭފުޅާއަށް ބިރުފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއިމެދު ސުވާލު އުފެދިފައިވާ އެ މަޖިލީހުގެ މަޑުއްވަރީ ދާއިރަގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ އަމީތު ވިދާޅުވީ، މަޖިލީހުގެ ގޮނޑި ގެއްލުވާލި ނަމަވެސް އިސްލާޙަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ހިތްވަރަށް އެއްވެސް ވަރެއްގެ ބަދަލެއް ނާންނާނެ ކަމަށެވެ.
އަމީތު ވިދާޅުވީ ވަކި މީހެއް ދެކެ ބިރުގަންނަން ނުޖެހޭ ކަމަށާއި، ރައްޔިތުން އަމީތު ފަދަ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރީ މުލީއާގެއަށް ވަދެ، ފުއްޕާހަމަށް ވައިއަޅަން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރީކީ ފަހަރެއްގަވެސް މުލީއާގެއަށްވަދެ އެތަނުގަ ފުއްޕާހަމަށް ވައިއަޅާކަށް ނޫނެއްނޫންތޯ. އަޅުގަނޑުމެންނަށް ފެނޭ މެންބަރުން އިނގޭތޯ ގުދުވެގެން ޕެނަޑޯލް ފޮށި ބަންދުކުރަން އެތަނުގަ ތިބޭ މަންޒަރު. އަޅުގަނޑުމެން އެގޮތަށް މުލީއާގެއަށްވަދެ ޕެނަޑޯލް ފޮށި ބަންދުކުރަން ގުދުވެގެން އޮންނަން ބޭނުން ނުވީމަ މި ދެމަފިރިން އަޅުގަނޑުމެންނާ ދޭތެރޭ ހިތްހަމަ ނުޖެހުނީ. އެހެންނަމަވެސް އަލުގަނޑުމެން ނުތިބޭނެނޫންތޯ ފާތުމަތު އިބްރާހިމް ދީދީ ހިތްއުފާކޮށްދޭން އެތާ ބިންމަތީގަ ދެފައިވަށްކޮށްގެން ފުއްޕާހަމަށް ވައިއަޅާދޭކަށް. އެކަމެއް އަޅުގަނޑުމެން ނުކުރާނެނުންތޯ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ، ސަރުކާރުން އަމީތު ފަދަ މެންބަރުން ދަންޖެއްސި ނަމަވެސް ރައްޔިތުންގެ ޙައްޤުގައި ކުރިއަށް ނުކުންނަވާނެ ކަމަށާއި، ވެރިކަމުގައި ހުންނަ މީހަކަށް ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަޖިލީހުގައި ހުވާކުރެއްވީވެސް އެފަދައިން ފަހަތަށް ޖެހިވަޑައިގަތުމަށް ނޫން ކަމަށް އަމީތު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަށް ވަދެ އަޅުގަނޑުމެން ކުރި ހުވަޔަކީ އެއީ، ރައްޔިތުންގެ ޙައްޤުގަ، އިޚުލާސްތެރިކަމާއެކީ މަސައްކަތް ކޮށްދިނުމަށް (ކުރި ހުވާ). މިދެމަފިރިންނަށް އަޅުވެތިވެގެން މިދެމަފިރިންނަށް ޚިދުމަތް ކުރާކަށް ނޫން އަޅުގަނޑުމެން ހުވާކުރީކީ" އަމީތު ވިދާޅުވިއެވެ.
އަޅުގަނޑުމެން ދުނިޔެއަށް އައީ ހަތަރެސްފައިގައި ކަސްތޮޅު އެޅުވިގެން ޤައުމަށް ޚިދުމަތް ކުރުމަށް ނޫން ކަމަށާއި، ޤައުމަށް ޚިދުމަތްކުރަން ޖެހޭނީ އިއްޒަތާއި އަބުރުވެރިކަމާއި އެކު ކަމަށް ވިދާޅުވެ، އަމީތު ވަނީ ރައީސް ޔާމީނާއި އެކު ތިއްބެވި ރައްޔިތުންގެ މަޖިޅީހުގެ މެންބަރުން އެ "ޖަލުން ސަލާމަތްވުމަށް" ގޮވާލައްވާފައެވެ. އެ މެންބަރުން ރައީސް ޔަމީނާއި އެކު ތިއްބަވައިފިނަމަ މި ސަރުކާރު ވެއްޓިގެން ދާއިރު، އެބޭފުޅުންގެ ސިޔާސީ ހަޔާތްވެސް ނިމިގެންދާނެ ކަމަށް އަމީތު ވިދާޅުވިއެވެ.