ޗައިނާއާއި ރާއްޖެއާ ދެމެދު ވުމަށް ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓާ ދެކޮޅަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަން ނިންމައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި ބާއްވާ ހާއްސަ ޖަލްސާ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވުމަށް ނިންމާފައިވާއިރު، އަޑު އުފުލުމަށް ނިންމާފައި ވަނީ ޗައިނާ-ރާއްޖެ ހިފެހެއްޓުމެއްނެތް ވިޔަފާރީގެ އެއްބަސްވުމާއި ދެކޮޅަށެވެ.
— Mohamed Nasheed (@MohamedNasheed) December 2, 2017
ގުޅިފައިވާ ސިޔާސީ ލީޑަރުންނާއި ރާއްޖޭގެ އިގްތިސާދު ދިރާސާކުރާ ބައެއް ފަރާތްތަކުން ވެސް ދަނީ ޗައިނާއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމަށް ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެ ޖޯރިޓީ މެމްބަރުންވެސް ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އަދި ރާއްޖޭގެ ޓްރޭޑް ޔޫނިއަނުންވެސް ވަނީ ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓާ ދެކޮޅަށް ބަޔާނެއްވެސް ނެރެފަ އެވެ.
ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ 30 މެމްބަރުން ވޯޓު ދެއްވައިގެން ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.