އަލުން އަނބުރާ ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، އިސްލާހަށް ކުރައްވާ މަސައްކަތް ހުއްޓަވައިނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އިޓަލީގެ މިލާންގައި ކުރިއަށް ގެންދިޔަ ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންގެ 39 ވަނަ އަހަރީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވިދާޅުވީ ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކަށް ގިނަ ހުރަސްތަކަކާއި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށާއި، ނަމަވެސް އިސްލާހަށް ކުރައްވާ މަސައްކަތް ހުއްޓަވައިނުލައްވާނެ ކަމަށެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި، ޚާއްސަކޮށް ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން އެއްބަސްވެވަޑައިގަންނަވާއިރު، ގަދަބާރުން އެ މަޤާމުގައި މަސީހު އަދިވެސް އިންނަވާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. މަސީހުގެ ރިޔާސަތުގައި މި އަހަރުގެ ބޮޑު ބައެއްގައި މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުމަށް އަލިއަޅުއްވާލައްވައި މަޚްލޫފް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަށް، އުޒުރެއްގެ ގޮތުން މަޖިލީހުގެ ފާޚާނާތަކުގައި ހުންނަ ޓިޝޫގައި ރޯކުރަނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ކަމަށް މަޚްލޫފް ތުޙުމަތު ކުރެއްވިއެވެ.
މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްފައިވާކަން ފާހަގަކުރައްވާ، މަޚްލޫފް ވަނީ ފޯރަމްގެ ބައިވެރިންނަށް އެ ދައުވާތަކާއި ގުޅޭ ތަފްޞީލާއި، 2016 ވަނަ އަހަރު މަޚްލޫފްގެ މައްޗަށް ކުރެވުނު ދެ ޖަލު ޙުކުމާއި ގުޅޭ ތަފްޞީލްވެސް ދެއްވާފައެވެ. އަދި ހަމަ އެއާއިއެކު ސަރުކާރަށް ފާޑުވިދާޅުވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވާލުމުގެ ކެމްޕެއިނެއް ސަރުކާރުން ފަށާފައިވާކަންވެސް މަޚްލޫފް ފާހަގަކުރެއްވިއެވެ.
ސިޔާސީ ހުރިހާ ވާދަވެރިން ޖަލަށް ލެވި، ނުވަތަ އެފަރާތްތަކުގެ މައްޗަށް ދައުވާކުރެވި، ނުވަތަ އަމިއްލައަށް އަރުވާލެވިގެން ޤައުމުން ބޭރުގައި އުޅުމަށް އެ ފަރާތްތަކަށް މަޖުބޫރުވެފައިވާއިރު، އެފަދަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި، ކުރީޣެ ދެ ޑިފެންސް މިނިސްޓަރުން ކަމުގައިވާ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، ޠަލްޙަތު އިބްރާހިމް ކަލޭފާނު ހިމެނިވަޑައިގަންނަވާކަން މަޚްލޫފްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ނޫސްވެރިޔާ ރިލްވާން ވަގަށް ނަގައި، ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވާއިރު، މި ކަންކަމުގެ ފަހަތުގައި ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުން ތިބިކަމަށް ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
މަޚްލޫފް ހާމަކުރެއްވި ކަންކަމާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މަޚްލޫފް ވަނީ ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން ފަދަ ޖަމާޢަތްތަކުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާ ކުރައްވާފައެވެ.