ހދ ކޭލަކުނު ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.
ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން ތަފާތު މިރަށަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ތިމާވެއްޓެއް ލިބިފައިވާ ރަށެކެވެ. އެގޮތުން ދުނިޔޭގެ ކުދި ޖަޒީރާތަކަށް ބަލާއިރު، ކޭލަކުނުގައި އޮތް ޒާތުގެ ތިމާވެއްޓެއް އޮތް ރަށެއް މުޅި ދުނިޔޭގައިވެސް ނެތްކަމަށް އެރަށް ދިރާސާކުރި ބައެއް ތަޖުރިބާކާރުން ބުނެއެވެ.
ކޭލަކުނުގެ ބިމުގެ ބޮޑުބަޔަކީ ޗަސްބިމެވެ. އަދި އެރަށުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ޒާތްޒާތުގެ ގަސްތައް ހެދިފައިވެއެވެ. ރާއްޖޭގެ ކަނޑޫފާ ސަރަހައްދުތަކުން އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތްތައް ހެދިފައިވަނީ ކޭލަކުނުގައެވެ. ކޭލަކުނުގައި މީގެ 200 ވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެހެން ނަމަވެސް ވަރުގަދަ ތޫފާނެއްގައި އެރަށް އެއްކޮށް ސުންނާފަތި ވުމުން، އެރަށުގެ މީހުން އެހެން ރަށްރަށް ބަދަލުކުރީކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ކޭލަކުނު ޓޫރިޒަމަށް ދޫކުރުމާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު، އެމީހުން ބުނަމުންދަނީ އެރަށް މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އަދި ހދ އަތޮޅުގެ އެހެން ރަށްތައްވެސް ހުރިކަން ފާހަގަކޮށް، އެހެން ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރާއްޖޭގައި މިވަގުތު އޮތް 'ޖަންގައްޔެއް'ގެ ސިފަ ލިބިގެންދާ ހަމައެކަނި ރަށަކީވެސް ކޭލަކުނެވެ. މިރަށުގައި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ 'ބަރު' ގަސް ހުރިއިރު، މިއީ ރާއްޖޭގައި ބަރު ގަހުގެ ޖަންގައްޔެއް އޮންނަ ހަމައެކަނި ރަށެވެ.
ސޯޝަލް މީޑިއާގައި ކޭލަކުނު ކުއްޔަށް ދިނުމާއި ދެކޮޅަށް ޝުޢޫރުފާޅުކުރަމުންދާ ބައެއް ފަރާތްތަކުން ބުނަމުންދަނީ ތަރައްޤީގެ ނަމުގައި ނާޒުކުރު ތިމާވެށި ހަލާކުކުރުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ. ގާމަތީ ރަށެއްކަމަށްވާ ކޭލަކުނަކީ އަރާފައިބަން ދަތި ރަށެކެވެ. އަދި 80 ހެކްޓަރުގެ މި ރަށުގައި ކަނޑޫފަލުގައި ހެދޭ 5 ބާވަތެއްގެ އިތުރުން އެހެން ގިނަ އަދަދެއްގެ ގަސްގަހާ ގެހި ހެދިފައިވެއެވެ. ކޭލަކުނުގެ ޗަސްބިމުގައި ހެދިފައި ހުރި ބާވަތްތަކަށް ބަލާއިރު ބަރު ގަހުގެ އިތުރުން ތަކަފަތި، ކަނޑޫ އަދި ތެލަ ފާހަގަކުރެވިފައިވާކަމަށް ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ ބްލޫޕީސްއިން ބުނެއެވެ. މީގެ އިތުރުން އިކޯ ކެއަރ އާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެހެން ޖަމްއިއްޔާތަކުން ގެންދަނީ ކޭލަކުނު ފަތުރުވެރިކަމަށް ދޫކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.