ރާއްޖެއާއި ޗައިނާއާ ދެމެދު ވުމަށް އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރޭޑް ޔޫނިއަންނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާ- މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓަކީ ދިވެހި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފާނެ ކަމެއް ކަމަށެވެ. އެއީ ޚިދުމަތާއި މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލުމާ ގުޅިގެން ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށްބޮޑަށް ހަނިވެ، ރާއްޖޭގެ ޑޮމެސްޓިކް މާކެޓްގެ ފުލް ކޮންޓްރޯލް ޗައިނާގެ ކުންފުނިތަކަށް ލިބިގެންދާނެތީ ކަމަށްވެސް ޓްރޭޑް ޔޫނިއަނުން ބުނެފައި ވެއެވެ.
ޓްރޭޑް ޔޫނިއަނުން ބުނީ 1970ގެ އަހަރުތަކުގައި އިންޑިއާގެ މަޝްހޫރު ވޯރާ ވިޔަފާރިވެރިންތައް ރާއްޖޭގެ ޑޮމެސްޓިކް މާކެޓްގެ ވިޔަފާރި ކޮންޓްރޯލް ނަގާފައިވަނިކޮށް ދިވެހި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ދިވެހި ވިޔަފާރީގެ މާކެޓް ދިވެހިންނަށް އަނބުރާ ފޯރުކޮށް ދެއްވާފައިވަނިކޮށް، އެފަދަ އެގްރީމެންޓެއް ވުޖޫދަށް އައުމަކީ އަލުން ވޯރާ ވިޔަފާރިވެރިންގެ ޒަމާން އިއާދަވުން ފަދަ ކަމެއް ކަމަށެވެ.
ޓްރޭޑް ޔޫނިއަނުން ބުނީ ދުނިޔޭގެ ދޭދޭ ގައުމުތަކުގެ މެދުގައި ފްރީ ޓްރޭޑް އެގްރީމެންޓް ހަދަނީ އިގްތިސާދީ ގޮތުން ހަމަހަމަ ގައުމުތަކުގެ މެދުގައި ކަމަށެވެ.
ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށްބުނާއިރު، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ބޮޑު ފުރުސަތު އޮތް ވިޔަފާރީގެ 64 ދާއިރާއިން (ޓެކްސް އޭޖެންޓުން ފެށިގެން ރިއަލް އިސްޓޭޓް) ރާއްޖޭގެ ޑޮމެސްޓިކް މާކެޓް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލުމަކީ ދިވެހި ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަމުގެ ހެއްކެއް ކަމަށް ޓްރޭޑް ޔޫނިއަނުން ބުނެފައި ވެއެވެ.
ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެޖަލްސާގައި ބައިވެރިވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ. އަދި ފާސްކޮށްފައިވަނީ ވެސް 85 މެމްބަރުން ހިމެނޭ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން ނެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން އެ އެގްރީމަންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންދާއިރު، ރާއްޖޭގެ އިގްތިސާދު ދިރާސާކުރާ ބައެއް ފަރާތްތަކުން ވެސް އެ އެގްރީމެންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުން ދެއެވެ.