ހދ. ކުޅުދުއްފުށި ކުޅީގެ ބައެއް ހިއްކުމަށް ޖަހާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށް އެރަށު ކުޅި ހިއްކުމަށް ނިންމާފައިވާތީ އެކަމުގެ މައުލޫމާތު އޮޅުންފިލުވާލުމަށް ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަންއަށް ގުޅާލުމުން ވިދާޅުވީ ދޭތެރެ ދޭތެރެއިން މެދު ކެނޑުނު ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ލަތީފް ވިދާޅުވީ އެއާރޕޯޓް އަޅާ ބިން ހިއްކާއިރު، ކުޅިން ބައެއް ހިއްކުމަށް ނިންމާފައި ވާތީ އެމަސައްކަތް ކުރުމަށް ޖަހަންޖޭހޭ ބަންޑްވޯލް ގާތްގަނޑަކަށް ޖަހާ ނިމިފައިވާ ކަމަށެވެ.
ލަތީފް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ގާތްގަނޑަކަށް ހަ ހެކްޓަރު ބިން ހިއްކާފައިވާ ކަމަށެވެ.
ކުޅުދުއްފުށި އެއާރޕޯޓް އެޅުމުގެ މަސައްކަތުގެ ދަށުން 18 ގޯއްޗެއް ނެގުމަށް ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ލަތީފް ވިދާޅުވީ އަދި މިހާތަނަށް އެ ގޯތިތައް ނަގާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ގޯތިތައް ނަގާއިރު، އެ ގޯތިތަކަށް ކޮށްފައިވާ ޚަރަދާއެކު އެހެންތަނަކުން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
މީގެއިތުރުން ލަތީފް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އުތުރުގެ ގިނަ ރަށްތަކަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށި މަގުތަކުގައި ފެން ބޮޑުވުން ފިޔަވާ މާބޮޑު ގެއްލުމެއް ކުޅުދުއްފުއްޓަށް ލިބިފައި ނުވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށް ލަތީފް ވިދާޅުވި އެވެ.