ޕީޕީއެމްގެ ނަމުގައި ޕާޓީ ހިންގަމުންގެންދާ ފަރާތްތައް ގާނޫނު އަސާސީއާއި ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވައިދާއި އަދި ޕާޓީގެ އަސާސީ ގަވައިދުގައި ވާގޮތަށް އަމަލުތައް ބެހެއްޓުމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫންއަށް ނިސްބަތްވާ ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަމަލުކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރަކީ، ގާނޫނު އަސާސީއާ، ގާނޫނުތަކުންވެސް ހަމައެކަނި، ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ، އަމަލު ކުރާނެ ގޮތަކާ މެދު ސުޕްރީމް ކޯޓުން ހުކުމެއް ކުރައްވާ، އެ މައްސަލައާ ގުޅޭ ވަރަށް ސާފު އަމުރެއް ނެރުއްވާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޕީޕީއެމް އިން މިފަދަ ބަޔާނެއް ނެރެފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނިކޮށެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 10 ޖުލައި 2017 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގާފައިވާ އިރު އެދުވަހުން ފެށިގެން އެދެ މެންބަރުން ޕީޕީއެމް އަށް ނިސްބަތް ނުވާނެ ކަމަށެވެ.
އެދެ މެންބަރުންނަކީ ސުޕްރީމް ކޯޓުން ހުކުމް ނެރުއްވުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެން ތިއްބެވި މެންބަރުން ކަމަށް ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް އިއްވައިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ހުކުމުގައި ވާގޮތުން ޕާޓީން ވަކިވާ، ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހާމަކޮށްފައިވެ އެވެ. ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން އަންގާ ދުވަހުން ފެށިގެން ކަމަށް އެ ހުކުމުގައިވެ އެވެ.