ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވުމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ބިރު ދެއްކެވުމުގެ ގޮތުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ގާސިމް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ގަވާއިދާ ހިލާފަށް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވި ވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި ހިލާފަށް އަމަލު ކުރައްވަނީ ސަރުކާރުން ކަމަށެވެ.
އައެގޮތުން ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވުމުގެ ސަބަބުން ގާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުުން ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ވަކި ގައުމެއްގައި ހުންނަވައިގެން ކުރިއަށް ގެންދިއުމަށް އަމުރު ކޮށްފައި ނުވާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އެގޮތުން ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދިން ނަމަވެސް އެކަން ވެސް ކުރެއްވީ ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ސިންގަޕޫރުގައި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ދޭން ޖެހޭ ލިޔެކިޔުންތަކާއި ހުއްދަތައް ނުދިނުމުގެ ސަބަބުން ގާސިމްގެ ބޭސްފަރުގެ ކަންކަން ސިންގަޕޫރުގައި ކުރިއަށް ގެންދިއުމުގައި އެތައް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ސަރުކާރުން ގާސިމް އަށް ދިން ޓްރެވަލް ޑޮކިޔުމަންޓުގެ މުއްދަތު ހަމަވުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ނުގެންދެވުނު ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ދިން ޓްރެވަލް ޑޮކިޔުމަންޓުގެ މުއްދަތު ހަމަވުމުން މުއްދަތު އަލުން އާ ކޮށްދިނުމަށް ކަރެކްޝަންސް އަށް ހުށަހެޅި ނަމަވެސް އެކަން ކޮށްދީފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން މުއްދަތު އިތުރު ކޮށް ނުދިނުމުން ގާސިމް ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ރާއްޖެ ވަޑައިގެންނެވޭ ގޮތް ނުވި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކޯޓުގެ ހުކުމާއި އެއްގޮތަށް ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހޭ ކަމަށާއި އަދި ބޭސްފަރުވާގެ ކަންކަން ނިމުނުހާ އަވަހަކަށް ގާސިމް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.