ތޫފާން އޮކިގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ން ބަލަމުންދާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރާއްޖެ އެމްވީއަށް ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށްރަށަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތާއެކު ސަރުކާރުން އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ކިހާ މިންވަރަކަށްތޯ އެ ޕާޓީން މޮނިޓަރ ކުރަމުން ގެންދާނެކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކާއި ގެއްލުންތަކަށް އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅިގެން އެ ޕާޓީން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އިއްޔެ ބޭއްވި އެމްޑީޕީގެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްފައިވާކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް އެމްޑީޕީން ބަލާނީ އެ ޕާޓީގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މެދުވެރިކޮށްކަމަށެވެ. މިކަންކަން ބެލުމަށް އެމްޑީޕީން ވަނީ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭގޮތަށް ޚާއްސަ ޓާސްކްފޯހެއް އުފައްދާފައެވެ.
މި ޓާސްކްފޯހުގެ ޑެޕިއުޓީ އިންޗާޖް އަދި އެމްޑީޕީގެ ހދ. ހަނިމާދޫ ދާއިރާގެ ރައީސް އަހުމަދު އާދިލް ވިދާޅުވީ ހއ އިން ފެށިގެން އައްޑުއާއި ހަމައަށް ރަށްތަކުގެ ހާލަތު ބަލާފައިވާކަމަށެވެ. ވިއްސާރައިގައި ރަށްތަކަށް ލިބުނީ ކޮން ގެއްލުމެއްތޯ ބެލިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ ގެއްލުންތައް އެމްޑީޕީން އާންމު ކުރާނެކަމަށް އެޕާޓީއިން ބުނެއެވެ.
ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. އަދި ފެން ހިންދޭނެ ފަސޭހަ ގޮތެއް ނެތި، ގޭގެއަށް ފެންވަދެ، ބައެއް ގެތަކަށް ގެއްލުން ވެފައިވެއެވެ. ތޫފާން އޮކިގެ ސަބަބުން ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީލަންކާ އަދި އިންޑިއާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.