ތިން އަހަރުގެ ޖަލުހުކުމެއް އައުމުގެ ސަބަބުން ގޮނޑި ގެއްލިފައިވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ގަވާއިދާ ހިލާފަށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަޒްލީން މިހެން ވިދާޅުވެފައި ވަނީ "މިހާރު" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައެވެ. އަދި ގާސިމް ޖަރުމަންވިލާތަށް ވަޑައިގެންނެވި މައްސަލައިގައި މިނިސްޓަރު އަޒްލީންގެ އިންޓަވިއުއެއް ހޯދުމަށް ރާއްޖެެއެމްވީ އިން ތަކުރާރުކޮށް ގުޅާ މެސެޖް ކުރި ނަމަވެސް ޖަވާބް ނުދެއްވާތީ މިނިސްޓަރު އަޒްލީންގެ އިންޓަވިއުއެއް ރާއްޖެއެމްވީ އަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނަމަވެސް މިނިސްޓަރު އަޒްލީން އެނޫހަށް ވިދާޅުވެފައި ވަނީ ކަރެކްޝަންސް އިން ހުއްދަ ދިނީ ގާސިމް ސިއްގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާ ކުރުމަށް ގާސިމް އަށް ކަރެކްޝަންސް އިން ދިން މުއްދަތު ހަމަވެފައިވާކަން މިނިސްޓަރު އަޒްލީން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ކަރެކްޝަންސް އަށް އެންގުމެއް ނެތިއެވެ. އަދި ގާސިމް ޖަރުމަން ވިލާތަށް ވަޑައިގެންނެވީ ގަވައިދާ ހިލާފަށް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ. އަދި ކަރެކްޝަންސް އެންގުމެއްނެތި ގާސިމް ބޭސްފަރުވާ އަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޤާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތައްތައް ޒަމާނުއްސުރެ ކުރިއަށް ގެންދަވާފައިވަނީ ޖަރުމަނުވިލާތުން ކަމަށެވެ.
ހަމައެހެންމެ ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުވިލާތުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަވަމުން ދަނީ ޖަރުމަނުވިލާތުގައި ކަމަށް ގާސިމްގެ ވަކީލުން ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޤާސިމް އިބްރާހިމް ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވީ ބޭސްފަރުވާ ކުރެއްވުމަށް އެޤައުމުގެ ސަރުކާރުން އިންސާނިއްޔަތަށްޓަކައި ދެއްވި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.
މީގެއިތުރުން ގާސިމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާސިމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް އެސަރވިސްގެ ފަރާތުން އެންމެ ފަހުން އައު ކޮށްދީފައިވަނީ 2 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށެވެ.
ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިޔުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެޤައުމުގެ ސަރުކާރުން ދިން ހާއްސަ ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.