ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 09:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއިއެކު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއިއެކު
ގެޓީ އިމޭޖަސް
އިސްރާއީލް ފަލަސްތީނު މައްސަލަ
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
އެމެރިކާގެ މިނިންމުން ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިނުގަންނާނެ

ޔަހޫދީ ދައުލަތް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަންނަން އެމެރިކާއިން މިހަފްތާ ތެރޭގައި ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އޮފިޝަލުންނާއި ހަވާލާދީ އެމެރިކާގެ ބައެއް މީޑިއާތަކުން ބުނީ އަންގާރަ ދުވަހުގެ ކުރިން މިނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ރަށް ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސްއަށް ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤުދުސްއަކީ އިސްރާއީލާއި ފަލަސްތީނުން ވެސް އެ ދެޤައުމުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ރަށެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމައުން އެއްބަސްނުވާތީއާއި، އަދި މަސްލަހަތަށްޓަކައި އިސްރާއީލުން މިއަދާއި ހަމަޔަށް ވެސް ވެރިކަން ކުރަމުންދަނީ ތެލްއަވީވުގައެވެ. އަދި ފަލަސްތީނުން ވެރިކަންކުރަނީ ހުޅަނގު އައްސޭރީގެ ރާމަﷲ ގައެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އެއް ވަޢުދެވެ. މި ވަޢުދަށް އިސްރާއީލުން މަރުޙަބާ ކީ ނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުން މިކަން ބަލައެއް ނުގަނެއެވެ. އަދި އެހެން އެއްވެސް ޤައުމެއްގެ އެމްބަސީއެއްވެސް ޤުދުސްގައި ޤާއިމްކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން ނިންމެވިނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ރުޅި ނޭރުވުމަށްޓަކައި، ޓްރަމްޕް ނިންމަވާނީ ހުޅަނގު ޤުދުސް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށެވެ. ފަލަސްތީނުން ވެރިކަންކުރަން ބޭނުންވަނީ އިރުމަތީ ޤުދުސްގައެވެ. އަދި އިރުމަތީ ޤުދުސްއަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ބިމެކެވެ.

އެމެރިކާގެ މިނިންމުމުގެ ރިޕޯޓްތަކާއިއެކު ފަލަސްތީނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ރައީސްގެ އޮފީހުން ވަނީ މިނިންމުމުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ އިސް މަންދޫބު ސާއިބު އުރައިޤާތު ވިދާޅުވީ ޤުދުސްގެ މައްސަލައަކީ ހަމައެކަނި ފަލަސްތީނުގެ މައްސަލައެއް ނޫންކަމަށާއި، މިއީ އިސްލާމީ، ޔަހޫދީ އަދި ނަޞާރާ ދީނުގެ މީހުންނާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެމެރިކާއިން އެކަމަށް ވިސްނާނެކަމަށް އުއްމީދުކުރައްވާ ކަމަށް އުރައިޤާތު ވިދާޅުވިއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 ޑިސެންބަރ 2017 | އާދީއްތަ 01:50
އައްޔު
ފަލަސްތީން ރުޅީނޭރުވުމައްޓަކައި އެމެރިކާއިން ނިންމާނީ ހުޅަނގު ގުދުސް ކަމަށެވެ. ބުނާއިރު މިމީހުންނަކީ މުސްލިމުން ރުޅިނާރުވާ ބައެއްތަ؟ މަހީހީ ހަލާކު.............