އެންމެ އުތުރުގެ 3 އަތޮޅަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު ހޮނިހިރު ދުވަހުގެ ހެނދުނު 6:15 އާއި ހަމައަށް އިތުރުކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެކަމަށާއި، ބޯކޮށް ވާރޭވެހި، އެސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
އެންމެ އުތުރުގެ 3 އަތޮޅަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު އިތުރުކުރިއިރު، ނ އަތޮޅުން ދެކުނުގައިވާ ހުރިހާ ސަރަހައްދަކަށް މިރޭ ނެރުނު ވައިޓް އެލަރޓް ވަނީ ކެންސަލްކޮށްފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް އެރި ތޫފާން އޮކި މިހާރުވަނީ އިންޑިއާގެ ހުޅަނގުން އޮންނަ އެޤައުމުގެ ޖަޒީރާ ސަރަޙައްދެއްކަމަށްވާ ލަކްޝަދްވީޕާއި ހަމައަށް ފޯރާފައެވެ. ލަކްޝަދްވީޕް ޖަޒީރާތަކުގެ އެންމެ ދެކުނުން އޮންނަ މަލިކަށް މިހާރު ތޫފާނުގެ އަސަރުކުރަމުންދާކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. އަދި ތޫފާނުގައި ބާރު ވަޔާއިއެކު ކުރަމުންދާ ވިއްސާރައިގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު ހާލުގައި ޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ތޫފާނުގެ ބާރު ދެރަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.