ރާއްޖޭގެ އެންމެ އުތުރުން ހއ. އިން ފެށިގެން ށ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މިއަދު މެންދުރު މާލެ އަތޮޅުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލަރޓްގެ މުއްދަތު މިރޭ 8:00އަށް ހަމަވުމާއިއެކު އަލަށް ނެރުނު ޔެލޯ އެލަރޓް ނެރެފައި މިވަނީ ހަމައެކަނި އެންމެ އުތުރަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ޔެލޯ އެލަރޓް ނެރެފައިވާ ހިސާބުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 30 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ތޫފާން އޮކީގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވިނަމަވެސް، މި ތޫފާން އަރަބި ކަނޑާއި ދިމާއަށް މިސްރާބު ޖަހައި، ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާތީ، މި ތޫފާނުގެ ސަބަބުން ކުރާ އަސަރުތައް ދަނީ ކުޑަވަމުންނެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ތޫފާނުގެ އަސަރުތައް ފިލާނެކަމަށް ބެލެވޭ ކަމަށެވެ.
ތޫފާން އޮކީގެ ސަބަބުން އަވަށްޓެރި ސްރީލަންކާއާއި އިންޑިއާއިން ވިއްސަކަށް މީހުން މަރުވެފައިވާއިރު، އެ ދެޤައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މިހާރުވެސް ތޫފާން އިންޑިއާގެ ލަކްޝަދްވީޕްގެ ޖަޒީރާތަކަށް އަރަމުންދާއިރު، ކުރިއަށް އޮތް ދެތިން ދުވަހު އެސަރަހައްދުގައި ތޫފާނުގެ އަސަރު ހުންނާނެ ކަމަށް އިންޑިއާގެ މެޓް އޮފީހުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކުގައިވެސް ބޯކޮށް ވާރޭވެހި، ފެން ބޮޑުވެފައިވެއެވެ.
މިރޭ 8 ޖެހިއިރު ނެރުނު ޔެލޯ އެލަރޓް ނެރެފައިވަނީ މިރޭގެ 12 އާއި ހަމަޔަށެވެ.