ޒިމްބާބްވޭގެ އައު ރައީސް އެމަރސަން ނަންގަގްވާގެ އައު ކެބިނެޓަށް އަސްކަރިއްޔާގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ގިނަ ބޭފުޅުންތަކެއް އައްޔަން ކުރައްވައިފި އެވެ.
ނަންގަގްވާގެ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ހުކުރު ދުވަހު އިއުލާން ކުރައްވާފައިވާއިރު، އެގައުމުގެ ޚާރިޖީ ވަޒީރަކަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މުގާބޭގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ނެންގެވިކަން ޓީވީ މެދުވެރިކޮށް އިއުލާން ކުރެއްވި ޖެނެރަލް ސިބުސީސޯ މޯޔޯ އެވެ.
މީގެ އިތުރުން ޒިމްބާބްވޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ލޭންޑް އެފެއަރޒްގެ މަގާމަށް އައްޔަން ކުރެއްވީ އެއަރ ފޯސްގެ ވެރިޔާ ޕެރެންސް ޝިރީ އެވެ.
ޝިރީ އަކީ 1980ގެ ކުރީކޮޅު މަޓަބެލެލޭންޑްގައި މުގާބޭއާ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެއޮޕަރޭޝަނުގެ ސަބަބުން 20 ހާހަށްވުރެ ގިނަ އާއްމުން މަރުވެފައިވެއެވެ.
ޒިމްބާބްވޭގެ ރައީސްގެ މަގާމުގެ ހުވާ ނަންގަގްވާ ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. 37 އަހަރު ވަންދެން ޒިމްބާބްވޭގެ ވެރިކަމުގައި ހުންނެވި ރޮބަޓް މުގާބޭ އެމަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ ނައިބު ރައީސްގެ މަގާމުން ނަންގަގްވާ ވަކި ކުރެއްވި ފަހުން އެގައުމުގެ އަސްކަރިއްޔާ އިން މުގާބޭގެ ވެރިކަމުގެ ބާރުތައް ނަންގަވައި، އަސްކަރިއްޔާ އިން މުގާބޭ އާއެކު ކުރި ދިގު މަޝްވަރާތަކަށްފަހު އެވެ.
ނަންގަގްވާ އެގައުމުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މުގާބޭގެ ދިގު ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި މުގާބޭގެ އަރިސް ބައެއް ބޭފުޅުން އެމަގާމުތަކުން ވަކިކުރިނަމަވެސް، މުގާބޭގެ ސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނަށް ނަންގަގްވާގެ ސަރުކާރުން ފުރުސަތު ލިބިފައިވެއެވެ. މީގެ އިތުރުން މުގާބޭގެ ވެރިކަމުގެ ދުވަސްވަރު، މުގާބޭގެ ވެރިކަމަށް މަދަދު ދިން އަސްކަރީ އިސް އޮފިޝަލުންނަށް ގިނަ މަގާމުތަކެއް ދީފައިވެއެވެ.
އެގޮތުން، ޚާރިޖީ ވަޒީރު މޯޔޯ އަދި ޝިރީގެ އިތުރުން ޒިމްބާބްވޭގައި ނުފޫޒުގަދަ ވަރ ވެޓަރަންސް އެސޯސިއޭޝަންގެ އިސް ބައެއް ފަރާތްތަކަށްވެސް ކެބިނެޓްގެ މަގާމުތައް ދީފައިވެއެވެ. ވަރ ވެޓަރަންސް އެސޯސިއޭޝަނަކީ އަސްކަރިއްޔާ އިން މުގާބޭގެ ވެރިކަމުގެ ބާރުތައް ނެންގެވުމާއެކު، މަގާމުން އިސްތިއުފާ ދެއްވުމަށް މުގާބޭ އަށް އެންމެ ބޮޑަށް ބާރުއެޅި އެއް ޖަމިއްޔާ އެވެ.
އައު ކެބިނެޓުގައި އިންފޮމޭޝަން މިނިސްޓަރގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ވަރ ވެޓަރަންސް އެސޯސިއޭޝަންގެ އިސްވެރިޔާ ކްރިސް މުޓްސްވަންގްވާ އެވެ.
ނަންގަގްވާގެ އައު ކެބިނެޓަށް ވަނީ އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އައު ކެބިނެޓްގައި މުގާބޭގެ ސަރުކާރުގައި ހިމެނުނު އިސް ބައެއް ފަރާތްތައް ހިމެނުމަކީ ސަރުކާރު ބަދަލުވުމަށްފަހުވެސް ހަމަޖެހުން އޮތްކަން ދައްކައިދޭ ހެއްކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ގަބޫލުކުރިނަމަވެސް، އިދިކޮޅު ފަރާތަތްތަކުން ވަނީ އައު ކެބިނެޓަކީ އެގައުމުގެ އާއްމުންގެ އުއްމީދުތަކަށް ބޭވަފާތެރިވުން ކަމަށް ސިފަކޮށްފައެވެ. އަދި މުގާބޭގެ ވެރިކަމުގެ ދުވަސްވަރުވެސް ނުފޫޒުގަދަ ސަލާމަތީ ބާރުތަކުގެ އިސް ބޭފުޅުންނަށް އައު ސަރުކާރުގެ އިސް މަގާމުތައް ދެއްވުމަކީ، ކުރިއެކޭ އެއްފަދައިން ސަލާމަތީ ބާރުތަކުން އެގައުމުގެ ވެރިކަމުގެ ބާރުތައް އަދިވެސް ހިފަހައްޓަވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.