ބޯކޮށް ވާރޭ ވެހުމުން ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވަނީ ކުޅި ފަދަ ތަންތަން ނެތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވާރޭ ވެހުމުން ފެންބޮޑުވެވޭނެ ކުޅިފަދަ ތަންތަން ނެތުމުން ދެން ފެންބޮޑުވާނީ ރަށު ތެރޭގައި ކަމަށެވެ. އަދި ގޭގެ ތެރޭގައި ފެންބޮޑުވުމުން ލިބޭ ކުއްލި ގެއްލުން އެއީ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Boakoh vaarey vehumun fen bodu veveyne kulhi fadha thanthan neythumun, dhen fen bodu vaanee rashu theyreyga. Geygey thereyga fen boduvumun libey kulli gellun e ee tharaghee ah elhey bodu huraheh
— Mohamed Nasheed (@MohamedNasheed) December 1, 2017
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ރަށްރަށުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. އަދި ފެން ހިނދޭނެ ފަސޭހަ ގޮތެއް ނެތި ގޭގެއަށް ފެންވަދެ ބައެއް ގެތަކަށް ގެއްލުން ވެފައިވެއެވެ. އެގޮތުން ށ. ކޮމަންޑޫގެ 10 ވަރަކަށް ގެޔަށް ފެންވަދެފައިވާއިރު ފުލުހުންނާއި ރަށުގެ ރައްޔިތުން ނިކުމެ، ރަށުގެ ދެ ސަރަހައްދަކުން ކޯރު ކަނޑައިގެން ފެންގަނޑު ހިންދުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ށ. މާއުނގޫދޫގައި ގާތްގަނޑަކަށް 10 ވަރަކަށް ގެއަށް ފެން ވަދެފައިވާއިރު ރ. އަތޮޅުގެ ހަ ރަށެއްގައި މީހުން ދިރިއުޅޭ ގެތަކަށް ފެންވަދެފައިވާ ކަމަށާއި ހުރިހާ ރަށެއްގައި ފެން ބޭރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށް އެރަށުން ވަނީ ބުނެފަ އެވެ.
ހަމަ އެހެންމެ ބ.ކެންދޫގެ ބައެއް ގެތަކަށް ފެންވަދެފައިވާއިރު ޅ. ހިންނަވަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށް އެރަށުން ވަނީ މައުލޫމާތު ދީފަ އެވެ.