މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާއިގުޅުންހުރި އެންމެހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާރު ވަޔާއިއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިން ރައްޔިތުން ރައްކާތެރިވެ، ސަމާލުވެ ތިއްބެވުމަށް ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވާ ކަމަށެވެ.
އަދި މިހާތަނަށް ލިބުނު ގެއްލުންތައް ދިރާސާކޮށް، ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ކަމަށް ރައީސް ވިދާޅުވިކަމަށް އެ ޓުވީޓުގައިވެއެވެ.
ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާއިރު، ގިނަ އަތޮޅުތަކަކަށް ތޫފާނުގެ އަސަރުތައް ކޮށްފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުކުރު ދުވަހުގެ ރޭގަނޑު 8 ޖެހުމާއި ހަމައަށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ކަމާއިގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.