އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ވޭސްޓް އިންސިނަރޭޝަން ޕްލާންޓެއް، އެނާރޖީ ރިކަވަރ ކުރުމާއެކު ޑިޒައިންކުރުމާއި ސަޕްލައިކުރުން އަދި އިންޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން އައްޑޫ ގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވޭސްޓް އިންސިނަރޭޝަން ޕްލާންޓް ސްޕެސިފިކޭޝަނާ އެގޮތަށް ޑިޒައިންކޮށް ސަޕްލައި ކުރުމާއި އަދި އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް އެދޭ ކަމަށް ބުނެފައެވެ.
އެއިއުލާނުގައިވާ ގޮތުން ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައި ގަންނާނީ މި މަހުގެ ތިނަކުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ.
މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 10,000 ޑޮލަރު (154،000ރ) ދައްކަން ޖެހެއެވެ.
މިމަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫއުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 10 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށްވެސް އެއިއުލާންގައި ވެއެވެ.
ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ ޖެނުއަރީ 14، 2018 ގަ އެވެ.