މިހާރު ރާއްޖޭގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި ޅ. ހިންނަވަރުގެ 75 އިންސައްތަ ގެތަކަށް ފެން ވަދެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށާއި، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ރަށުގެ ކައުންސިލުން ޓާސްކު ފޯސްއެއް އެކުލަވައިގެން ފުލުހުންނާއި އެމްއެންޑީއެފް އާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ އިރު ހަތަރު ގެއަކަށް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުންތައް ލިބިފައިވުމުން އެހެން ގޭގެއަށް ބަދަލުކޮށްފައިވާ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ. އެގޮތުން ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު، ގޭގޭގައި ގެންގުޅޭ، ފަރުނީޗަރަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަތަރު ގޭގައި ދިރިއުޅުނު 15 މީހުން އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ. ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ވަޅުގަނޑުތަކުންވެސް ފެން އެރުމުގެ ސަބަބުން ބައެއް ސަރަހައްދުތައް ތަޣައްޔަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ވެލިގޯނި ޖެހުމާއި، ލިބިދާނެ އިތުރު ގެއްލުންތަކުން ސަލާމަތްވުމަށް، ރަށު ކައުންސިލުން ވެލި ގޯނި ތައްޔާރުކޮށްފައިވެއެވެ.
ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާއިރު، ގިނަ އަތޮޅުތަކަކަށް ތޫފާނުގެ އަސަރުތައް ކުރަމުންދެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުކުރު ދުވަހުވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.