މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި މެދުތެރޭގެ ގިނަ އަތޮޅުތަކެއްގެ ރަށްތަކަށް ގެއްލުން ލިބިއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާ އިރު ބައެއް ރަށްރަށަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. އަނެއްބައި ރަށްރަށުގައި ރުއްގަސް ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފަ އެވެ.
ރާއްޖެއެމްވީއާއި މައުލޫމާތު ހިއްސާ ކުރައްވަމުން، ހއ. އަތޮޅުގެ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ވިދާޅުވީ، ހއ އަތޮޅުގެ ގިނަ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އެހެން ނަމަވެސް ފެންބޮޑުވެ، ރަށްޔިތުންނަށް ގެންލުންތަކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އާންމުކޮށް ވަރަށް ބާރަށް ވައި ޖެހެމުންދާތީ އެކަންކަމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހދ އަތޮޅުގެ ކައުންސިލްގެ ރައީސް އަހުމަދު އާތިފު ވިދާޅުވީ، މިހާރު މިކުރާ ވިއްސާރައާއި ގުޅިގެން، އެއްވެސް މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެހެން ނަމަވެސް އެއަތޮޅު ފިނޭގެ ކަށިކެޔޮ ދަނޑަށް ވައި ގަދަގަވުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އެރަށުގައި ކައްކާ ގޭސް ހުސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭ އަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާ އިރު، ދަތުރު ފަތުރު ކުރުމަށް ބުރޫ އަރާ ދަނޑިވަޅުތަކުގައި މިފަދަ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ށ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާރިފު ވިދާޅުވީ، އެއަތޮޅުގެ ހުރިހާ ރަށަކަށް ގަދަ ވަޔާއެކު ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުންދާ ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކުރި ވިއްސާރައާއި ގުޅިގެން ށ. ކޮމަންޑޫގެ 10 ވަރަކަށް ގެޔަށް ފެންވަދެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ރަށުގެ ރައްޔިތުން ނިކުމެ، ރަށުގެ ދެ ސަރަހައްދަމުން ކޯރު ކެނޑިކަމަށާއި މަގުތަކުގައާ ގޭގޭ ގޯތި ތެރޭގައިވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.
އެއަތޮޅު މާއުނގޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަމީދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގާތްގަނޑަކަށް 10 ވަރަކަށް ގެއަށް ފެން ވަނުމުގެ ސަބަބުން، ހިފާ ގެންގުޅޭ ސާމާނު ފެން ނުޖެހޭ ސަރަހަރުތަކަށް ބަދަލު ކުރަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް މާބޮޑު އިތުުރު ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ށ އަތޮޅުގެ ބައެއް ރަށްތަކުން ކޮޔެގަސްތަކާއި އެހެން ގަސްތައް ވެއްޓުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް އެއަތޮޅު ކައުންސިލުން ބުނެ އެވެ.
ރ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާއާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ގަދަ ވަޔާއި އެކު ވާރޭ ވެހެމުންދާ ކަމަށެވެ.
ވާރޭ ވެހުމުގެ ސަބަބުން އެއަތޮޅުގެ ހަ ރަށެއްގެ މީހުން ދިރިއުޅޭ ގެތަކަށް ފެންވަދެފައިވާ ކަމަށާއި ހުރިހާ ރަށެއްގައި ފެން ބޭރު ކުރެވޭނެ ރަގަޅު ނިޒާމެއް ނެތުމުން ވެސް އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެއަތޮޅުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަލިފުއްޓާއި އިންނަމާދޫ އާއި އިނގުރައިދޫގެ އިތުރުން މީދޫއަށް ކަމަށް އޭނާ ވިދާޅުވި އެވެ. ގޭގެއަށް ފެން ވަން ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށާއި، ފެން ވަދެ ގެއްލުންތައް ލިބުމުގެ ކުރިން،ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލްތަކުން ކޮށްފައިވާ ކަމަށް އަލީ ޝާހިދު ވިދާޅުވި އެވެ.
ބ އަތޮޅު ކައުންސިލްގެ މެންބަރު ފާތިމަތު ޝިފާނާ ވިދާޅުވީ، މިހާރު މިކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެގޮތުން ރުށް ގަސް ވެއްޓުމުގެ ހާދިސާތައް ރަށްރަށުގައި ހިނގަމުންދާ ކަމަށެވެ. އެހެން ނަމަވެސް އާންމު ދިރިއުޅުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަތޮޅު ކެންދޫގެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޅ އަތޮޅުގެ ބައެއް ރަށްރަކަށްވެސް ފެންބޮޑުވުމުގެ ހާދިސާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ހިންނަވަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ނައިފަރުގެ ބައެއް ގެތަކަށް ވެސް ވާރޭ ވެހުމުގެ ސަބަބުން ފެންވަދެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.