ސިވިލް ސާވިސްގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތައް އިންޓަވިއު ޕެނަލްގައި ނުހިމެނުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގައިފިއެވެ.
އޭސީސީ އިން ސިވިލް ސާވިސް އަށް މި އެންގުން އަންގާފައި މި ވަނީ ށ މިލަންދޫ ސްކޫލްގެ މަސައްކަތުގެ މީހެއްގެ ވަޒީފާ އަށް މީހަކު ނެގުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރިކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ށ.މިލަންދޫ ސްކޫލުގެ މަސައްކަތު މީހެއްގެ މަޤާމަށް އެންމެފަހުން ނެގި ފަރާތް ހޮވާފައިވަނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަމަށާއި، މަޤާމަށް ހޮވި ފަރާތަކީ އިންޓަވިއު ޕެނަލްގައި ހިމެނޭ މީހެއްގެ މަންމަ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އޭނާ ހޮވާފައި ވަނީ އެ ޕެނަލްގައި އެ ފަރާތް އިނދެގެން އެހެންމީހުންނަށް ނުފޫޒު ފޯރުވައިގެން ކަމަށާއި، ހޮވުނު ފަރާތަށްވުރެ އެކިގޮތްގޮތުން ރަނގަޅު ފަރާތްތައްވެސް ކުރިމަތިލާފައި ތިބިކަމަށް އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭސީސީ އިން ސިވިލް ސާވިސް އަށް އެންގި އެންގުމުގައި ބުނެފައިވާ ގޮތުގައި ށ.މިލަންދޫ ސްކޫލަށް ދެ މަސައްކަތު މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލި 10 މީހުންގެ ތެރެއިން އެ ވަޒީފާއަށް ހޮވާފައިވާ ދެ ފަރާތުގެ ތެރެއިން އެކަކުގެ ދަރިއެއް އިންޓަވިއު ޕެނެލްގައި ހިމެނޭ ކަމަށް ކޮމިޝަނުން ބެލިބެލުމުން އެނގޭ ކަމަށެވެ.
އެގޮތުން އޭނާއަށް އިންޓަވިއު ޕެނަލްގައި ހިމެނޭ އޭނާގެ ދަރި މާކްސް ދީފައިނުވާ ކަމާއި، އިންޓަވިއު ޕެނެލްގައި ހަތަރު މެންބަރުން ހިމެނިފައިވާއިރު އޭނާއަށް މާކްސް ދީފައިވަނީ އަނެއް ތިން މެންބަރުން ކަމަށެވެ.
މީގެ އިތުރަށް އެ ވަޒީފާއަށް އެދިފައިވާ އެހެން ފަރާތަކަށް އިންޓަވިއުގައި މާކްސް ދީފައިވަނީ ވެސް ތިން މެންބަރުން ކަމަށް އޭސީސީ އިން ފާހަގަ ކޮށްފައިވެއެވެ. ހަމައެހެންމެ އިންޓަވިއު ޕެނެލްގައި ހިމެނޭ އެހެން ފަރާތަކަށް މާކްސް ދީފައި ނުވާކަމާއި، އެހެންކަމުން މި ދެ މީހުންނަކީވެސް ޢާއިލީގޮތުން ގުޅުން އޮތް ދެ މީހުންކަމަށް ބެލެވޭ ކަމަށް އޭސީސީގެ އެންގުމުގައި ބުނެފައިވެއެވެ. އަދި އެ ދެމީހުންގެ އިންޓަވިއު މާކްސްގެ އެވްރެޖް ހަދާފައިވަނީ ތިނަކުން ގެއްލައިގެން ކަމާއި، އެހެން މީހުންގެ މާކްސްގެ އެވްރެޖް ހަދާފައިވަނީ ހަތަރަކުން ގެއްލައިގެން ކަމަށް އޭސީސީ އިން ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން އިންޓަވިއުއިން އެންމެމަތިން މާކްސް ލިބިފައިވާ ފަރާތުގެ ދަރި މާކްސް ދީފައިވާ މީހުންނަށް މާކްސް ދީފައިވަނީ ޢާންމުގޮތެއްގައި އެހެން މެންބަރުންނަށްވުރެ ވަރަށްބޮޑުތަން ދަށްކޮށްކަން ފާހަގަކުރެވޭ ކަމަށް އޭސީސީގެ އެންގުމުގައި ބުނެފައިވެއެވެ.
އެގޮތުން އެއީ، އޭނާގެ މަންމަ އެ ވަޒީފާއަށް ހޮވުމަށް މަގުފަހިކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމާއި، އަދި އޭނާ އެ ވަޒީފާއަށް ހޮވިފައިވަނީ އޭނާގެ ދަރި އެހެން މީހުންނަށް ދަށްކޮށް މާކްސް ދިނުމުގެ ސަބަބުންކަމަށް ފެންނަ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ،
އޭސީސީގެ އެންގުމުގައި ބުނެފައިވާ ގޮތުގައި މިކަން މިގޮތަށް ދިމާވެފައިވަނީ ވަޒީފާއަށް އެދިފައިވާ މީހުންނާ ޢާއިލީގޮތުން ގުޅުން އޮތް މީހުން އިންޓަވިއު ޕެނަލްގައި ހިމެނުމުގެ ސަބަބުންކަމަށް ފެންނަ ކަމާއި، އަދި ވަޒީފާއަށް އެދޭ ފަރާތްތަކަށް އިންޓަވިއުގައި މާކްސް ދޭއިރު، ވަޒީފާއަށް ކުރިމަތިލާ އެއްބަޔަކަށް ތިން މީހުން މާކްސް ދީފައި އަނެއް ބަޔަކަށް ހަތަރު މީހުން މާކްސް ދިނުމަކީ ހަމަޖެހޭ އުސޫލެއް ކަމަށް ނުފެންނަ ކަމަށް އޭސީސީގެ އެންގުމުގައި ބުނެފައިވެއެވެ.
އެހެންކަމުން ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާ އާއިލީގޮތުން ގުޅުން އޮންނަ ފަރާތްތައް އެވަޒީފާތަކަށް ހޮވާ މީހުންނާ އިންޓަވިއު ކުރާ ޕެނަލްގައި ހިމަނާފައިވުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިނގަމުންދާތީ، މީގެފަހުން، ވަޒީފާއަށް އެދިފައިވާ މީހުންނާ ޢާއިލީގޮތުން ގުޅުން އޮތް މީހުން އިންޓަވިއު ޕެނެލްގައި ނުހިމެނުމަށް ސިވިލް ސާވިވިސްގެ ވަޒީފާތައް ހަމަޖެހިފައިވާ އިދާރާތަކަށް އަންގަވައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަން އަށް އޭސީސީ އިން ވަނީ އަންގާފައެވެ.