ހުޅުމާލޭގައި ތަރައްގީކުރާ ޓަވަރުތައް އެޅުމުގެ ޤާބިލުކަން ސަރުކާރުގެ ކުންފުނިތަކަށް ލިބިގެންނުވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރުކުމާ ވިދާޅުވީ، ކުންފުނިތައް މިހާރު އޮތް ހާލަތު ވިސްނަން ޖެހޭ ކަމަށާއި، އެ ކުންފުނިތަކަށް ޓަވަރު އެޅުމުގެ ގާބިލުކަން ލިބިގެންނުވާ ކަމަށެވެ.
ހުޅުމާލޭއަށް 80،000 މީހުން އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއިއެކު، ޖުމްލަ 22 ފަރާތަކަށް ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ރުކުމާ ވިދާޅުވީ، ސަރުކާރުގެ ބަޖެޓް ފޮތަށް ބަލާއިރު، ސަރުކާރުގެ ކުންފުނިތަކަކުން ގިނަ އަދަދެއްގެ ލޯނު ނަގާފައިވާކަން ހާމަވާ ކަމަށާއި، ކުންފުނިތައް އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ.
ރާއްޖެއަށް ބޭނުންވަނީ ސޯޝަލް ހައުސިންކަން ފާހަގަކުރައްވަމުން ރުކުމާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ވަރަށް ހެޔޮ އަގެއްގައި ބޯހިޔާވެހިކަން ހޯދަން ކަމަށާއި، ރާއްޖޭގެ ރައްޔިތުން ލަގްޒަރީ އެޕާޓްމެންޓްތަކެއް ބޭނުން ނުވާ ކަމަށެވެ.
ރުކުމާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އިޢުލާންކޮށްގެން ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މިފަދަ ކަމެއް ކުރެވިފައިނުވާ ކަމަށެވެ. އެގޮތުން ކުރީގެ ޕްރޮޖެކްޓްތަކުގައިވެސް ލޯނުތައް ނުދެއްކުމުގެ ސަބަބުން ވަރަށް ގިނަ ކަންތައް ނުވެ އޮތްކަން ރުކުމާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، މިއީ ރައްޔަތުންނަށް ދަޅައެއް ދެއްކުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށާއި، ހައުސިންގ ޔުނިޓްތައް ހިމެނޭ ޓަވަރުތައް އެޅުން ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު، އެ ޓަވަރުތައް އަޅާނެ ތަނަކާއި، ޓަވަރުތަކުގެ ބޮޑުމިންވެސް އެނގެން ނެތް ކަމަށެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް އެޅުމަށް 434 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ޗައިނާގެ ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް ޗައިނާގެ ނޫސްތަކުގައި ބުނެފައިވެއެވެ. އެޗްޑީސީންވެސް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ ޗައިނާ ކުންފުނިން އަޅާނީ 16 ޓަވަރު ކަމަށެވެ.
ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތްކުރާ އިރު، އެ ޔުނިޓްތަކުގައި އަށްޑިހަ ހާސް މީހުން ދިރިއުޅޭކަމުގައިވާ ނަމަ ފްލެޓެއްގައި ޖުމްލަ 8 މީހުން ދިރިއުޅެންޖެހޭނެއެވެ.