ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލާގައި ވައިބަރ ގުރޫޕެއްގައި ސިޔާސީ ވާހަކަ ދެއްކި ކަމަށް ބުނެ ފުލުސް އޮފީހުގައި އުޅޭ ސިވިލް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ސިވިލް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ޝަބީން ނަސީމެވެ.
ވަޒީފާއިން ވަކިކޮށް ޝަބީނަށް ދިން ލިޔުމުގައި، މައްސަލައިގެ ޚުލާސާއަކަށް ބުނެފައިވަނީ އެސިސްޓެންޓް ސިވިލް އޮފިސަރ މުހައްމަދު ޝަބީން ނަސީމް 2017 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ވަގުތެއްގައި މުވައްޒަފުން ހިމެނޭ ވައިބަރ ގުރޫޕެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަ އާއި ގުޅިގެން ސިޔާސީ ގޮތުން އެވައިބަރ ގުރޫޕްގައި ޚިޔާލުފާޅުކޮށް ވާހަކަ ދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
އެލިޔުމުގައި މައްސަލަ ނިމުނު ގޮތްކަމަށް ބުނެފައިވަނީ އެސިސްޓެންޓް ސިވިލް އޮފިސަރ މުހައްމަދު ޝަބީން ނަސީމް އާއި މެދު ތުހުމަތު ކުރެވުނު މައްސަލަ 2017 އޮކްޓޯބަރ 31 ވަނަ ދުވަހު އޮތް ޑިސިޕްލިނަރީ ބޯޑުގައި ދެންނެވުމުން ނިންމާފައިވަނީ އެސިސްޓެންޓް ސިވިލް އޮފިސަރ މުހައްމަދު ޝަބީން ނަސީމް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ކަމަށެވެ.
މިހާރު އެވަޒީފާއިން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދެމުން ރާއްޖެއެމްވީއަށް ޝަބީން ބުނީ އެ ވައިބަރ ގުރޫޕަކީ ކުރީގެ ފުލުހުންނާއި ސިފައިން އަދި މިހާރުގެ ފުލުހުންވެސް ހިމެނޭގޮތައް ރައްޓެހިންގެ މެދުގައި ހަދާފައިވާ ވައިބަރ ގުރޫޕެއް ކަމަށާއި އެގުރޫޕުގައި ބުނެފައިވާނީ ރިޔާޒް ވަކިކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ވާހަކައެއް ދެއްކުމުގެ ގޮތުން ނޫން ކަމަށާއި، ގާތް ރައްޓެއްސަކަށް ކަންވީގޮތް އެނގިހުރެ އެކަމުގެ ހަގީގަތް ހާމަކުރީ ކަމަށް އޭނާ ބުންޏެވެ.
ޝަބީނަކީ 2006 ގައި ސްޓެލްކޯ ކައިރިން ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ޒަޚަމްތަކަކާއި ގުޅިގެން ފައިބުރިކޮށްލި މީހެކެވެ. އޭރު އޭނާ ވަޒީފާ އަދާކުރީ ސިފައިންގެ ތެރޭގައެވެ. އެކަމަކު އެ ހާދިސާއަށް ފަހު އޭނާ ވަނީ ފުލުހުންގެ ސިވިލް ބަޔަށް ބަދަލުކޮށްފައެވެ.