ޕްރިންސް ހެރީއާ އެކްޓްރެސްއެއް ކަމަށްވާ މޭގަން މާކެލް ކައިވެނި ކުރައްވަން އުޅުއްވާކަމަށް ވަހާކަތައް ފެތުރޭތާ ދުވަސްތަކަކަށްފަހު މިހާރު މިވަނީ އަންނަ ސްޕްރިންގް މޫސުމުގައި ކައިވެނިކުރައްވާކަން އިއުލާނު ކުރައްވާފައެވެ.
ޓީވީ ޑްރާމާ، ސޫޓްސްގައި ރަޗެލް ޒޭންގެ ރޯލް ކުޅެފައިވާ މާކެލް އުފަންވެފައިވަނީ 1981 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަދުވަހުއެވެ.
ލޮސް އެންޖެލިސްގައި އުޅެ ބޮޑުވި ނަމަވެސް މިހާރު ދިރިއުޅެމުން ގެންދަނީ ކެނެޑާގެ ޓޮރޮންޓޯގައެވެ.
"ބްލެކް ބެވަލީ ހިލްސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގައި ބޮޑުވެގެންއައި މޭގަން ދިރިއުޅުނު ގޭގެ މީޑިއަން އަގު 771،000 އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.
ގާލްސް ރޯމަން ކެތޮލިކް ކޮލެޖްގައި ކިޔެވުމުގެ ކުރިން މޭގަންވަނީ އަމިއްލަ ސްކޫލަކުން ޕްރައިމަރީ ފުރިހަމަކޮށްފައެވެ.އޭގެ ފަހުން އެކްޓިންދާއިރާއަށް ވަދެފައިވަނީ ނޯތް ވެސްޓަރން ޔުނިވާސިޓީ ސްކޫލް އޮފް ކޮމިއުނިކޭޝަނުން 2003 ވަނަ އަހަރު ދަސްވެނިވުމާއެކުއެވެ.
އަތުލިއުމަށް ކުޅަދާނަ މޭގަންގެ ބައްޕައަކީ 80 އިގެ ތެރޭގައި މަޝްހޫރުވެގެންއައި ޝޯ މެރީޑްގެ ސިނެމެޓޯގްރާފަރެވެ.
ދޮން ނަސްލުގެ ބައްޕައަކާއި އެފްރިކަން އެމެރިކަން އެމެރިކަން މަންމައަކަށް ލިބިފައިވާ މޭގަން އާ ބެހޭގޮތުން އޭނާގެ ނަސްލަށް ނިސްބަތްކޮށް ނޫހަކުން ބުނެފައިވާ ވާހަކައެއް އިނގިރޭސި ޝާހީ އާއިލާއިންވަނީ ކުށްވެރިކޮށްފައެވެ. އެ އެއާއިލާއިންވަނީ އެއީ ނަސްލީ ތަފާތުކުރުންކަމަށް ބުނެފައެވެ.
މޭގަން މާކެލް ފެނިގެން ގޮސްފައިވާ ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމްތަކުގެ ތެރޭގައި ގެޓް ހިމް ޓް ދި ގްރީކް،ރިމެމްބަރ މީ އެންޑް ހޮރިބްލް ބޮސެސް ހިމެނެއެވެ.
ސައިންސް ފިކްޝަން ސިލްސިލާއެއްކަމަށްވާ ފްރިންޖްގައި އެފްބީއައިގެ ޚާއްސަ އޭޖެންޓެއްގެ ރޯލުން ފެނިގެންދާ މޭގަން ވަނީ 2011 ވަނަ އަހަރު ސޫޓްސް ޝޯ ފެށުނީއްސުރެ އެ ޝޯގައި މަސައްކަތްކޮށްފައެވެ. އެންގޭޖްމަންޓް ޚަބަރާއެކު މިހާރު ފެތުރެމުންދާ ޚަބަރަކީ އަށްވަނަ ސިލްސިލާގައި މޭގަން ނުފެނުން ގާތްކަމަށް ދެކެވޭ ވާހަކައެވެ.
ހެރީއާއެކު އޮތް ގުޅުމާ ބެހޭގޮތުން މި އަހަރުގެ ސެޕްޓެމްބަރުމަހު ވެނިޓީ ފެއަރ މެގަޒިންގައި މޭގަން ބުނެފައިވަނީ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ވަރަށް އުފަލުން ކަމަށެވެ.
މި ކައިވެންޏަކީ މޭގަންގެ ފުރަތަމަ ކައިވެންޏަށްނުވާއިރު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއްކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި ދެ އަހަރަށްފަހުވަނީ ރޫޅިފައެވެ.
މޭގަންވަނީ ލައިފްސްޓައިލް ވެބްސައިޓެއްވެސް ތިން އަހަރުވަންދެން ހިންގާފައެވެ. ދި ޓިގް ގެ ނަންދީފައިވާ އެ ވެބްސައިޓްގެ އެޑިޓަރ އިން ޗީފްގެ މަގާމުވެސް އަދާކޮށްފައިވަނީ މޭގަން ކަމަށްވާއިރު އެ ވެބްސައިޓް ބަންދުކޮށްފައިވަނީ އޭޕްރީލް 2017 ގައެވެ.
މޭގަންގެ އިޖްތިމާއީ ހަރަކާތްތަކަށް ބަލާއިރު އޭނާއަކީ ކުޑަކުދިންނަށް ރަނގަޅު ތައުލީމާއި ކާނާއާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކެމްޕެއިން ކުރަމުންއަންނަ ކެނެޑާގެ ޖަމްއިއްޔާއެއްކަމަށްވާ ވޯލްޑް ވިޝަން ކެނެޑާގެ ގްލޯބަލް އެމްބަސެޑަރއެވެ.