ށ. މާއުނގޫދޫ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ 8:38 ހާއިރު ކަމަށާއި ލޯންޗުން ދަތުރުކުރި 13 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހާދިސާގައި ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި ލޯންޗަކީ ށ. ފުނަދޫއަށް ދަތުރުކުރި ލޯންޗެއް ކަމަށާއި، ލޯންޗު މާއުނގޫދޫ ފަޅަށް ވަންނަން މަސައްކަތްކުރީ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މި ލޯންޗް މިހާރު އޮތީ އޮޔާއި ނުދާނެހެން މާއުނގޫދޫ ފަޅުތެރޭގައި އައްސާފައި ކަމަށެވެ.
ދެކުނު އިންޑިއާ ކަނޑުގައި އުފެދި، އުތުރަށް ދަތުރުކުރަމުންދާ ތޫފާން އޮކި އާއި ގުޅިގެން ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގެ ކަނޑުތައް ގަދަވެ، ބޯ ވިއްސާރަ ކުރަމުންދާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ އިން ފެށިގެން ވ އަތޮޅާއި ދެމެދުގެ ހިސާބުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި މީގެ އިތުރުން ލ އިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް އެ ސަރވިސްއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ.