ސްރީލަންކާ އަށް މޫސުން ގޯސްވެ އެކަމުގެ ސަބަބުން ގެއްލުންވަމުންދާ ފަރާތްތަކަށް އެހީވުމަށް އަސްކަރިއްޔާ ފޮނުވުމަށް ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ނިންމަވައިފިއެވެ.
ދެކުުނު ކޮރެއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ލަންކާގެ ރައީސް ސިރިސޭނާ ވަނީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރަށާއި ޕްރެޒިޑެންޝަލް ސެކްރެޓަރީ އަށް، ލަންކާ އަށް ކުރަމުން ގެންދާ ވިއްސާރައިގައި މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވަން އަމުރު ކުރަައްވާފައެވެ.
ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ރައީސް ވަނީ މޫސުން ގޯސްވުމުގެ ސަަބަބުން ގެއްލިފައިވާ މަސްވެރިން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ. އަދި ލަންކާގެ މިހާރުގެ ހާލަތާ ބެހޭގޮތުން ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު މި ބައްދަލުވުމުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އަދި އެހިނިހެންވެސް އިސްބޭފުޅުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ސަރައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އެގައުމުގެ މޫސުން ގޯސްވެ މިހާތަނަށް މަދުވެގެން ހަތް މީހުން މަރުވެފައިވާ އިރު، މަދުވެގެން ފަސް މީހުން ވަނީ ގެއްލިފައެވެ. ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އެގައުމާ ދުރަށް ދަތުރު ކުރަމުންދާއިރު ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ އަރަބިއަން ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ހުރީ ވެރިރަށް ކޮލަމްބޯ އިން 300 ކިލޯމީޓަރު ދުރުގައި ކަމަށެވެ.
އަދި ތޫފާނަކަށް ބަދަލުވެފައިވާ ކޮޅިގަނޑު މިހާރު ލަންކާގެ ހުޅަނގު އުތުރަށް ދަތުރުކުރަން ފަށާއިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާ އަށް ބޯކޮށް ވާރޭވެހެމުންދާއިރު ތޫފާނުގައި ގަޑިއަކު 60 – 70 މޭލަށް ވައިގަދަވާނެ ކަމަށް ލަންކާ މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނާއި ހުޅަނގު އަދި މެދުތެރޭ ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި، 100 -150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުންވެ، ކައިރި ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ލަންކާގެ އިރިގޭޝަން ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ވަނީ ނެރެފައެވެ.
މިހާރު އުފެދިފައިވާ ތޫފާން ލަންކާއާއި ދުރަށް ދިޔަނަމަވެސް، ބޭ އޮފް ބެންގާލްގައި އަނެއްކާވެސް އެޓްމޮފެރިކް ޑިޕްރެޝަންއެއް އުފެދިދާނެކަމަށް ބެލެވޭތީ، ރައްޔިތުން ސަމާލުވުމަށް ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީއިން ވަނީ އިއުލާނުކޮށްފައެވެ.