އިންޑިއާގެ ކަންޏަކުމާރީގެ ދެކުނުގައި ސްރީލަންކާގެ ހުޅަނގަށް ވާގޮތަށް، އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެ މިހާރު މިވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ސްކައިމެޓް ވެދަރއިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާން ދަތުރުކުރަމުންދަނީ ގަޑިއަކު 38 ކިލޯމީޓަރު ބާރުމިނުގައެވެ. ބުރާސްފަތި ދުވަހު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެގެންދިޔައިރު، ތޫފާން އުފެދިފައިވަނީ އިންޑިއާގެ ކަންޏަކުމާރީގެ 55 ކިލޯމީޓަރު ދެކުނުން، ތްރިވަނަމްތަޕޫރަމް (ޓްރިވެންޑްރަމް)ގެ 120 ކިލޯމީޓަރު ހުޅަނގު ދެކުނުން، މަލިކުގެ އިރު ދެކުނުން 480 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ ގޯލްގެ ހުޅަނގު އުތުރުން ލަކްޝަދްވީޕް އާއި ދިމާލަށެވެ.
މި ތޫފާނާއި ގުޅިގެން ހޮނިހިރު ދުވަހާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާއިރު، ތޫފާން އުފެދިފައިވާ ސަރަޙައްދުގައި އާދީއްތަ ދުވަހާއި ހަމައަށް ގަޑިއަކު 85 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ލަކްޝަދްވީޕަށް ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެއެވެ.
މި ތޫފާނާއި ގުޅިގެން ލަންކާ އާއި ރާއްޖެ އަދި އިންޑިއާ ހިމެނޭގޮތަށް ބޯކޮށް ވާރޭވެހި ގަދަޔަށް ވައިޖެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް ލަފާކުރާއިރު، ދެކުނު އިންޑިއާ ކަނޑު އާދަޔާ ޚިލާފަށް ގަދަވާނެކަމަށް ލަފާކޮށް، ދެކުނު އިންޑިއާ ކަނޑުގައި ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ތޫފާނަށް 'ތޫފާން އޮކި' ގެ ނަން ދީފައިވާއިރު އޮކި އަކީ ބަންގާޅު ބަހެކެވެ. މި ބަހުގެ މާނައަކީ ލޮލެވެ.
ދުނިޔޭގެ މޫސުމާއި ބެހޭ އިދާރާ އާއި އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް އިން މޫސުމީ ތޫފާނަށް ނަން ދިނުމަށް ފަށާފައިވަނީ 2000 ވަނަ އަހަރެވެ. ތޫފާނުތަކަށް ނަން ދިނުމުގެ ބޭނުމަކީ، މުޢާމަލާތު ކުރުމަށް ފަސޭހަ ކުރުމާއި، އާންމުންނަށް ތޫފާނާއި ގުޅޭ މަޢުލޫމާތު ދިނުމަށް ފަސޭހަކުރުމެވެ.
ތޫފާނުތަކަށް ނަން ދެނީ ދުނިޔެ 9 ސަރަޙައްދަކަށް ބަހާލައިގެންނެވެ. އެއީ؛
- އުތުރު އެޓްލާންޓިކް
- އިރު އުތުރު ޕެސިފިކް
- މެދު އުތުރު ޕެސިފިކް
- ހުޅަނގު އުތުރު ޕެސިފިކް
- އުތުރު އިންޑިއާ ކަނޑު
- ހުޅަނގު ދެކުނު އިންޑިއާ ކަނޑު
- އޮސްޓްރޭލިއާ
- ދެކުނު ޕެސިފިކް
- ދެކުނު އެޓްލާންޓިކް
މީގެ ތެރެއިން ދިވެހިރާއްޖެ ނިސްބަތްވަނީ އުތުރު އިންޑިއާ ކަނޑުގެ ސަރަޙައްދަށެވެ. މި ސަރަޙައްދުގެ ތޫފާނުތަކަށް ނަން ދެނީ ސަރަޙައްދުގެ 8 ޤައުމަކުން ހުށަހަޅާ ޖުމްލަ 64 ނަމުގެ ތެރެއިން ވަކި ތަރުތީބަކުން، އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިންނެވެ. މި 8 ޤައުމުގެ ތެރޭގައި ހިމެނެނީ، ބަންގަލަދޭޝް، އިންޑިއާ، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ސްރީލަންކާ އަދި ތައިލޭންޑެވެ.
މި ސަރަޙައްދުގައި އެންމެ ފުރަތަމަ ތޫފާނަކަށް ނަން ކިޔާފައިވަނީ 2004 ވަނަ އަހަރެވެ. އެ އަހަރު އުފެދުނު ފުރަތަމަ ތޫފާނަށް ދީފައިވާ ނަމަކީ، ތޫފާން އޮނިލްއެވެ. މިއީވެސް ބަންގްލަދޭޝްއިން ދިން ނަމެކެވެ.
މި ސަރަޙައްދަށް އެންމެ ފަހުން ތޫފާނެއް އަރާފައިވަނީ މި އަހަރުގެ މޭ މަހު އުތުރު އިންޑިއާއަށެވެ. އެ ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން މޯރާއެވެ. މިއީ ތައިލޭންޑުން ދިން ނަމެކެވެ. އަދި މިހާރު އުފެދިފައިވާ ތޫފާނަށް އޮކި ކިޔާފައިވާއިރު ދެން އަރާ ތޫފާނަކަށް ކިޔާނީ އިންޑިއާއިން ހުށަހަޅާފައިވާ ނަމެއް ކަމުގައިވާ 'ސާގަރް' އެވެ. އަދި އެއަށްފަހު ދެން އަރާ ތޫފާނަކަށް ކިޔާނީ ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ނަމެއް ކަމުގައިވާ 'މެކުނު' އެވެ.
ރާއްޖެއިން މި ލިސްޓަށް ހުށަހަޅާފައިވާ އެހެން ނަންތަކުގެ ތެރޭގައި ހިމެނެނީ ހިބަރު، ގޮނު، އައިލަ، ކެއިލަ، މަޑި، ރޯނު، އަދި ހިކާއެވެ.