މިސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން ނުހިންގާ އެއްވެސް ކުންފުންޏެއް ނެތްކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ (އެމްޑީޕީ) ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގައި ހުންނެވީ ރާއްޖެ ޚުދުމުޚުތާރު އަނިޔާވެރި ނިޒާމަކަށް ބަދަލުކުރުމަށް ކަމަށާއި ރާއްޖޭގެ މާލިއްޔަތު އެމަނިކުފާނަށް ބެލެހެއްޓިފައި ނުވާކަމަށެވެ.
މިއަދު ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ މި އަނދަވަޅު ހުރިހާ ރައްޔިތުންނަށް ސާފުވާ ކަމަށާއި ރާއްޖޭގެ ޓެކްސްގެ ގޮތުގައި ދައްކާ އެތައް މިލިއަން ރުފިޔާއަކަށް ވާގޮތެއް ބުނެ ނުދެވުނު ކަމަށް ޝިފާޒު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، ސަރުކާރުން ހިންގި ޚިޔާނާތް މި ސަރުކާރު ތެރެއިން ހިނގާދިޔައީ. މިސަރުކާރުގެ އެންމެ ކުންފުންޏެއް ނެތް ކަރަޕްޝަންގެ އެތައް އެތައް ކަމެއް ނުހިންގާ،" ޝިފާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ކަރަޕްޝަނާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ނިކުންނެވުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ވިދާޅުވެ މަޖިލީސް ތަމްސީލު ކުރުމަށް ހުރަސް އެޅުއްވީކަމަށް ޝިފާޒު ވިދާޅުވިއެވެ.
މިއިން ސާފުވާ މަންޒަރަކީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ރައީސް ޔާމީނަށް ގެއްލިއްޖެކަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ މިސަރުކާރަށް ހަތަރު އަހަރު ފުރިފައިވާއިރު އަދިވެސް ކުޅިބައި އަތުރާ ނުނިމޭކަމަށާއި ހުރިހާ ފަރާތްތަކާވެސް މައްސަލަ ޖެހެނީ ހިންގާ ކަރަޕްޝަނުން ބައިކުޅަބައިގައި މައްސަލަޖެހިގެންކަމަށެވެ.
"ހަތަރު އަހަރު މި ސަރުކާރަށް ވީއިރު އަދިވެސް ކުޅިބައި އަތުރާ ނުނިމޭ. ހަމަ އެންމެ ކަމަކާއެއް ނޫން. ބައިކުޅަބައިގައި މައްސަލަ މިޖެހެނީ. މި ސަރުކާރާއި ކޮންމެ މީހަކާވެސް މައްސަލަ މިޖެހެނީ ފައިސާގެ މުއާމަލާތުގައި މައްސަލަ ދިމާވެގެން." ޝިފާޒު ވިދާޅުވިއެވެ.