އަވަށްޓެރި ސްރީލަންކާއަށް އަރާފައިވާ ތޫފާނުގެ ސަބަބުން 5 މީހަކު މަރުވެ، އެކަކު ވީނުވީއެއް ނޭނގި ގެއްލިއްޖެކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ. މޫސުން ގޯސްވެ، މަރުވެފައިވަނީ ލަންކާގެ އަމްބަލަންގޮޑަ އަދި ޑޮޑަންޑުވަ ސަރަހައްދުގެ 3 މަސްވެރިންނާއި، ކިރިބަތުގޮޑަ އަދި މަޑޮލްސިމާ ސަރަހައްދުގެ ދެ މީހެއްކަމަށް ލަންކާ ފުލުހުން ބުނެއެވެ. ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީވެސް މަސްވެރިއެއްކަމަށްވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ޙާދިސާތަކުގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވެއެވެ.
ލަންކާގެ މެޓް އޮފީހުން ބުރާސްފަތި ދުވަހު ހެނދުނު ބުނީ ޢަރަބި ކަނޑުގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން މިހާރު ހުރީ ލަންކާގެ ހުޅަނގުން 300 ކިލޯމީޓަރު ދުރުގައިކަމަށެވެ. އަދި ތޫފާނަކަށް ބަދަލުވެފައިވާ ކޮޅިގަނޑު މިހާރު ލަންކާގެ ހުޅަނގު އުތުރު ހުޅަނގަށް ދަތުރުކުރަން ފަށާއިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ބޯކޮށް ވާރޭ ވެހެމުންދާއިރު، ތޫފާނުގައި ގަޑިއަކު 60 – 70 މޭލަށް ވައިގަދަވާނެކަމަށް ލަންކާ މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނާއި ހުޅަނގު އަދި މެދުތެރޭ ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި، 100 -150 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުންވެ، ކައިރި ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ލަންކާގެ އިރިގޭޝަން ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ވަނީ ނެރެފައެވެ.
މިހާރު އުފެދިފައިވާ ތޫފާން ލަންކާއާއި ދުރަށް ދިޔަނަމަވެސް، ބޭ އޮފް ބެންގާލްގައި އަނެއްކާވެސް އެޓްމޮފެރިކް ޑިޕްރެޝަންއެއް އުފެދިދާނެކަމަށް ބެލެވޭތީ، ރައްޔިތުން ސަމާލުވުމަށް ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީއިން ވަނީ އިއުލާނުކޮށްފައެވެ.