ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ 30 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ކަމަށްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މި ޖަލްސާގައި އަދި ވޯޓުގައިވެސް ބައިވެރިވެ ވަޑައިނުގަންނަ ވައެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލަމުން އަންނަ ކޮމިޝަނެކެވެ.
އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއެކު ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ އެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެއީ އެންއައިސީގެ ރައީސްގެ ކާރު އެލަވަންސަށް މަހަކު 6،500ރ. އާއި ޕެޓްރޯލް އެލަވަންސަށް 1،000ރ. ހަމަޖައްސާ ދިނުމަށެވެ. ރަޝީދުގެ އެ އިސްލާހަށް ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ތާއީދު ކުރެއްވުމުން އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކުރީ އެ އިސްލާހާ އެކު އެވެ.
އަލަށް ގެނައި ބަދަލާއެކު، މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި އެންއައިސީގެ ރައީސަށް 45،000ރ. ލިބޭނެ އެވެ. ކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެނީ 37،000ރ އެވެ.
ހަމައެގޮތަށް އެންއައިސީގެ ނާއިބު ރައީސަށް މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި ކުރިން ލިބެމުންދިޔަ 34،000ރ ގެ ބަދަލުގައި 37،000ރ ލިބެމުންދާނެ އެވެ.
މަޖިލީހުން އަލަށް މި ގެނައި ބަދަލާއެކު، އެންއައިސީގެ މެމްބަރުންނަށް މުސާރަ އާއި ލިވިން އެލަވަންސާއެކު 35،500ރ. ލިބޭނެ އެވެ. މެމްބަރުންނަށް ކުރިން ލިބެނީ 33،000ރ. އެވެ.
އެންއައިސީގެ ކޮންމެ މެބަރަކަށްވެސް މީގެއިތުރުން ވެސް ކުރިން ލިބެމުންދިޔަ ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.
އެންއައިސީގައި ފަސް މެމްބަރުން ތިބެ އެވެ. އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި ޔޫސުފް މާނިއު ވަނީ މި މަހުގެ 23 ގައި ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.
މާނިއުގެ ބަދަލުގައި އެންއައިސީ އަށް މެމްބަރަކު ހޯދުމަށް ވަނީ އިއުލާން ކޮށްފަ އެވެ. އެންއައިސީއަށް މެމްބަރުން ހޯދުމަށް އިއުލާން ކުރަނީ ރައީސް އޮފީހުންނެވެ. ނަމަވެސް އެކޮމިޝަނަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. އެ ކޮމިޝަނުގެ މެމްބަރު ކަމުން ވަކި ކުރުމުގެ ބާރު ރައީސުލްޖުމްހީއްޔާއަށް ލިބިގެން ވެއެވެ.