ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 18:22
ކަވާނީ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކަވާނީ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފްރެންޗް ލީގު: 10 ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ ކުރީގާއި ޕީއެސްޖީ ހަމަޖެހިލައިފި
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ޓްރޯޔޭސްއާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުން
މި ސީޒަނުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވޭ

ފްރެންޗް ލީގުގައި ކުޅުނު މެޗުން މޮޅުވެ ޕީއެސްޖީއިން 10 ޕޮއިންޓްގެ ލީޑެއް ނަގައި ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ޓްރޯޔޭސްއާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން ވަނީ މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ޓްރޯޔޭސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ޕީއެސްޖީއަށް ވަނީ މި ހާފުގައި ޕެނަލްޓީއެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ޓްރޯޔޭސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ކަވާނީ މި ޕެނަލްޓީ ބޭކާރުކޮށްލިއިރު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕީއެސްޖީއަށް ޓްރޯޔޭސްގެ ޑިފެންސް ހުޅުވާލެވުނީ މެޗުން 73 މިނެޓު ކުޅެވިފައި ވަނިކޮށެވެ. އެގޮތުން ހިތްގައިމު ލަނޑަކާއެކު ޕީއެސްޖީއަށް ލީޑު ނަގައިދިނީ މި ސީޒަނުގައި ދުނިޔޭގެ ރެކޯޑު ފީއަކަށް އެ ޓީމާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމަށްވާ އެޑިންސަން ކަވާނީއެވެ.

މި ސީޒަނުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން އެ ޓީމުން ވަނީ މި ސީޒަނުގައި މިހާތަނަށް 47 ލަނޑު ޖަހާފައެވެ. މި ސީޒަނަށް ޕީއެސްޖީއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިދިޔަ ސީޒަނުގެ ފްރެންޗް ލީގު އެ ޓީމަށް ގެއްލުނީ މުހިންމު ގިނަ މެޗުތަކުގައި ގެއްލުވާލި ޕޮއިންޓްތަކުގެ ސަބަބުންނެވެ.

މި ސީޒަނުގައި ޕީއެސްޖީއިން ވަނީ ލީގުގައި 15 މެޗު ކުޅެވުނުއިރު 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމަށް އެއްވަނަ ލިބެނީ 41 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާސޭއަށް 31 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ލިޔޯންއަށް ލިބިފައިވަނީ 29 ޕޮއިންޓްއެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން މޮނާކޯ އޮތީ 29 ޕޮއިންޓް ހަމަކޮށް އެހެނަސް ލަނޑުގެ ތަފާތުން ހަތަރު ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް